ނަސްވާ ހަސަން
17 April 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދައުލަތުން މަހަކު 35،000ރ. ގެ މުސާރައެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުށަހެޅުއްވި ބިިލު ފާސްކޮށްފައި ވަނީ 32 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓުދީފައި ވަނީ 12 މެމްބަރުންނެވެ.

ބިިލުގައިވާ ގޮތުން، ނައިބު ރައީސްކަން ކުރެއްވި ބޭފުންގެ ތެރެއިން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން އެ ބިލުން ލިބޭ އިނާޔަތާއި ރައްކާތެރިކަން ނުލިބޭނެ ކަމަށެވެ.

މި ބިލު މަޖިލިހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފައިވާ އިރު، އެ ކޮމިޓީން ވަނީ ބިލަށް ބަދަލު ތަކެއްވެސް ގެނެސްފަ އެވެ. އެގޮތުން މަޖިލިހުގެ ތަޅުމުގައި، މިއަދު އޮތް ވޯޓު ގަޑީގައި ބިލަން ގެނައި ބަދަލާއިމެދު ގޮތެއް ނިންމާ މެންބަރުންގެ ވޯޓުން ބިލް ފާސްވެއްޖެ އެވެ.
އޭގެ އިތުރުން ބިލްގައިވާ ގޮތުގައި ނައިބު ރައީސުންނަށްދޭ މާލީ އިނާޔަތް ލިބޭނީ ދައުލަތުން މުސާރަ ލިބޭ އެހެން ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކުރާ ނަމަ އެވެ. ނަމަވެސް އެބޭފުޅުން ބޭނުންވެއްޖެ ހާލަތެއްގައި އެކަށީގެންވާ ފެންވަރަކަށް ސަލާމަތީ ހިދުމަތުގެ އިތުރުން މާލޭގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތަކުގެ ސަލާމަތީ ބާރުތައް ހަމަޖައްސައިދޭން ވާނެ ކަމަށް ބިލްގައި ވެއެވެ.

މީގެ އިތުރުން، ނައިބު ރައީސުންނަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ސިއްހީ ހިދުމަތް ހަމަޖައްސައިދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

އަދި ބިލަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން އިނާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް ބިލްގައިވަނީ ހަތެއް އޮގަސްޓް، 2008 އިން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސް ކަން ކުރި ބޭފުޅުންނަށެވެ.

އެ މުއްދަތުގައި ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު އެބަތިއްބެވި އެވެ. އެގޮތުން އިނާޔަށް ލިބެނީ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ. އޭގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އޭނާ އަށް އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.

Leave a Reply

Your email address will not be published.

haftha.mv ©