ނަސްވާ ހަސަން
18 April 2019
މަޤްބޫލު ޙަބަރު

އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހެންވޭރު އަމީނީގެ ޑޮކްޓަރ ފަރަޙްނާޒް ފައިޞަލް، އަދި އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މާފަންނު ނޫހިރި ތިލްމީޒާ ޙުސައިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ އެވެ..

ޕޮލިޓިކްސްގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލް ކުރައްވާފައިވާ ޑޮކްޓަރ ފަރަޙްނާޒް ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އިނގިރޭސިވިލާތަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވަރސިޓީއިން މާސްޓަރ އޮފް ސައިންސް އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ތިލްމީޒާ ޙުސައިން މީގެ ކުރިން ވަނީ، ޕަރމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިޔުޓީ ޕަރމެނެންޓް ރެޕްރެޒެންޓެޓިވް ކަމާއި، އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރ ގެ މަޤާމު ވެސް އަދާ ކުރައްވާފައެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިނގިރޭސި ވިލާތަށާއި އެމެރިކާ އަށް ސަފީރުން އައްޔަންކުރުމުގައި ލަސްވަމުން ދާތީ ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©