.
18 April 2019
މަޤްބޫލު ޙަބަރު

މި ސަރުކާރުން ނުކުމެ މިތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، މި ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ޢިއްޒަތްތެރިންގެ ސަމިޓް އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ބަނޑޮސް އައިލެންޑް ރިޒޯޓުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ފަސޭހައިން ވާޞިލުވެވޭ، ފެންވަރު ރަނގަޅު ފުރިހަމަ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ތަރައްޤީކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. އެހެން ނަމަވެސް މިކަން ހާސިލްކުރުމަށް ގޮންޖެހުންތަކެއް ހުރިކަން އެމިނކުފާނު ފާހަގަކުރެއްވެވިއެވެ.

އެގޮތުން އެ ހުރިހާ ގޮންޖެހުންތަކެއްގެ އަސްލަކީ، މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރަން މީގެ ކުރިން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށާއި، ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީ ކުރުމުގެ ބަދަލުގައި، މާލޭގައި ހުރި ހޮސްޕިޓަލް ތަރައްޤީކުރަން މަސައްކަތް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން މި ޤައުމަށް ކޮށްދެއްވި އަގު ނުކުރެވޭ މުހިންމު ޚިދުމަތްތައް ފާހަގަކުރައްވައި، މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ޢާންމު ޞިއްޙީ ޚިދުމަތްތަކުގައި ރާއްޖެ ކުރިއަރައި ދިޔައީ، ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، އެ ބޭފުޅުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ވަރަށް ޙާއްޞަ ޝުކުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ތަރައްޤީ ކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ސަމިޓުގެ ބައިވެރިންގެ ތަޖުރިބާގެ އަލީގައި، ލަފަޔާއި އިރުޝާދު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެނެވިއެވެ. އަދި ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިލޭ ބޭސްފަރުވާގެ ޚިދުމަތްދޭ އާސަންދައިގެ ތެރެއަށް ވަދެފައިވާ ކޮރަޕްޝަން ހުއްޓުވުމުގައި ޢާންމު ރައްޔިތުން އެހީތެރިކަން ފޯރުކޮށްދިމަށްވެސް އެމަނިކުފާނު އެދިވަޑައިގެނެވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©