ނަސްވާ ހަސަން
18 April 2019
މަޤްބޫލު ޙަބަރު

އިލެކްޝަން ކޮމިޝަން (އީސީ)އަށް ހުށަހަޅަންޖެހޭ ކެނޑިޑޭޓުންގެ މާލީ ބަޔާން އެންމެ ފުރަތަމަ ހުށަހެޅި ކެނޑިޑޭޓަކަށް އާމިނަތު ނާދިރާވެ އަނެއްކާވެސް އެހެން ކެނޑިޑޭޓުންނަށް ނަމޫނާ ދައްކައިފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ ހަރަކާތް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގައި އިސްކޮށް އުޅުއްވާ ނާދިރާވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާފައެވެ. ނަމަވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.

އިންތިހާބުން ނާކާމިޔާބުވި ނަމަވެސް ނާދިރާވަނީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާއާއި ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ގަވާއިދުގެ 43 ވަނަ މާއްދާގައިވާ މާލީ ބަޔާން އެންމެ ފުރަތަމަ ހުށައަޅާ އެހެން ކެނޑިޑޭޓުންނަށް ނަމޫނާ ދައްކާފައެވެ.

އޭގެ އިތުރުން ކެމްޕޭންކުރުމަށް މަގުތަކުގައި ހަރުކުރި ބެނާތައް އެންމެ ފުރަތަމަ ނެގި ކެނޑިޑޭޓަކީ ވެސް ނާދިރާއެވެ.

ގިނަ ބައެއްގެ ތަރުހީބާއި ލޯބި ހޯދާފައިވާ ނާދިރާ ދައްކަމުން ގެންދަވާ ނަމޫނާއަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އިބްރާހިމް ހަބީބު ވެސް ވަނީ ތައުރީފު ކުރައްވާފަ އެވެ.

އެގޮތުން ނާދިރާއަށް ޓެގް ކުރައްވާ ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނާދިރާއަކީ އިންތިހާބުގެ ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތްތެވުމުގައި ނަމޫނާ ކެނޑިޑޭޓެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ފެށި އިސްލާހީ މަސައްކަތްތަކުގައި ވެސް މައުމޫންގެ ފަރާތްޕުޅުން އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ނާދިރާއެވެ. އެ މަސައްކަތްތަކުގެ ތެރެއިން އޭނާ ވަނީ ހައްޔަރުކޮށް 48 ގަޑިއިރަށް ޖަލުގައިވެސް ބަންދުކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©