.
20 April 2019
މަޤްބޫލު ޙަބަރު

ދައުލަތުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާ ދޭން ސުޕްރިމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމް އަލުން މުރާޖާ ކުރަން ޖެހޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސޫދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ސަރުކާރުން 2010 ގައި ސޮއިކުރި އެއްބަސްވުން 2013 ގެ މެއި މަހު ރައީސް ވަހީދުގެ ސަރުކާރުން ވަނީ ބާތިލްކޮށްފައެވެ. އެ މައްސަލައިގައި ގެއްލުމުގެ ބަދަލަށް 2.4 ބިލިއަން ރުފިޔާ ހޯދަން ދީބާޖާ އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން 2014 ގައި އަމުރުކުރީ ދީބާޖާ އަށް ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

އަދި އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން 2018ވަނަ އަހަރު ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، ދީބާޖާ އަށް ދައުލަތުން އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

ހައި ކޯޓުގެ އެ ހުކުމް ދީބާޖާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެހެންވެ، އެ މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ މައުޟޫއީ ގޮތުން ބަލާފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެމްޑީޕީގެ ވެރިކަމުގައި ނ، ރ، ބ އަދި ޅ އަތޮޅުގެ ފެރީގެ ޚިދުމަތް ދިނުމަށް އެކި ކުންފުނިތަކާ ސަރުކާރުން ހަވާލުކުރި އެވެ. އެކަމަކު ފަހުން ވަހީދުގެ ސަރުކާރުން ވަނީ އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް ބާތިލްކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©