މުޙައްމަދު އީމާން
21 April 2019
މަޤްބޫލު ޙަބަރު

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ބައެއް ކްރިސްޓިއަން ފައްޅި ތަކަށާއި މަޝްހޫރު ހޮޓާ ތަކަށް ބޮމުގެ ހަމަލާތަކެއްދީ ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން، ބޮމުގެ ހަމަލާތަކެއް ދީފައިވަނީ މިއަދު ހެނދުނު ކްރިސްޓިއަނުން ފާހަގަކުރާ އީސްޓާއާ ދިމާކޮށެވެ.

އެގޮތުން ޖުމްލަ ހަ ތަނަކަށް ބޮމުގެ ހަމަލާދިންކަމަށް ރިޕޯތްތައް ބުނާއިރު، ކޮލަމްބޯގައި ހުންނަ ސެއިންޓް އެންތަނީ ޗާޗުގެ އިތުރުން ސެއިންޓް ސެބެސްޓިއަން ޗާޗުގައި ވަނީ ބޮން ގޮއްވާފައެވެ.

މީގެ އިތުރުން ދިވެހިން ގިނަ އަދަދަކަށް ގޮސްއުޅޭ ފަސްތަރީގެ ހޮޓާތަކަށް ވެސް ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯތްތައް ބުނެއެވެ. އޭގެ ތެރޭގައި ޝަންގްރިލާ، ސިނަމަން ގްރޭންޑްގެ އިތުރުން ކިންގްސްބަރީއަށް ހިމެނޭކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، އެ ހަމަލާތަކުގައި މިހާތަނަށް 20 މީހުން ވަނީ މަރުވެފައެވެ. އަދި 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ކޮލަމްބޯގައި މިއަދު ދިން ވަރުގަދަ ހަަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

ފޮރިން މިނިސްޓްރީން ވެސް ބުނީ، އެ ހާދިސާތަކުގައި ދިވެއްސަކަށް އަނިޔާވިތޯ ބަލަމުންދާ ކަމަށެވެ. އަދި އެމަޖެންސީ ކޮންސިލުއާރ ހިދުމަތް ބޭނުންވާ މީހުން ކޮންސިއުލަރ ހޮޓްލައިން 7983400 އަށް ގުޅުވުމަށް މިނިސްޓްރީން އެދެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©