Thu, 28 May, 2020, 8:28 am
ދިވެހިންގެ ހާލު ބެއްލެވުމަށް ރައީސްގެ ހާއްސަ މަންދޫބެއް ލަންކާއަށް
13

އަވަށްޓެރި ސްރީ ލަންކާގެ އެކި ސަރަހައްދުތަކަށް މިއަދު ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެއްލެވުމަށް ލަންކާއަށް ހާއްސަ މަންދޫބެއް ލަންކާއަށް ފޮނުވަން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން މިރޭގެ ވަގުތެއްގައި ލަންކާއަށް ވަޑައިގަންނަވާނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު ކަމަށެވެ.

ލަންކާ ސަރުކާރަށް އެއްބާރުލުން ދިނުމަށް ސްޓޭޓް މިނިސްޓަރުގެ އެ ދަތުރުފުޅުގައި ލަންކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ހާލު ބައްލަވައި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ލަންކާގެ އެކި ސަރަހައްދުތަކަށް މިއަދު ދެމުން ގެންދާ ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން ވަނީ ހުރިހާ ސަރަހައްދެއްގައި ކާފިއު އިއުލާންކޮށްފައެވެ.

އަދި ކާފިއުއާ ގުޅިގެން ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ސެކްރެޓަރީ ވަނީ، ކުރިއަށް އޮތް ދެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

ކްރިސްޓިއަނުން މިއަދު ފާހަގަކުރާ އީސްޓާއާ ދިމާކޮށް މިއަދު ހެނދުން ފެށިގެން ލަންކާގެ އެކި ސަރަހައްދުތަކުގައި މިހާތަނަށް އަށް ބޮމުގެ ހަމަލާއެއް ވަނީ ދީފައެވެ. އޭގެ ތެރެއިން ގިނަ ހަމަލާ އަމާޒުކޮށްފައިވަނީ ކްރިސްޓިއަން ފައްޅިތަކަށާއި ހޮޓެލްތަކަށެވެ.

ހަމަލާތަކުގައި މިހާތަނަށް 187 މީހުން މަރުވެފައިވާއިރު، 500 އަށްވުރެ ގިނަ މީހުންނަށް ޒަހަމްވެގެން ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންނެވެ.

މިއަދު ލަންކާގެ އެކި ހިސާބުތަކަށް ދިން ވަރުގަދަ ބޮމުގެ ހަމަލާތަކަކީ ޖެނުއަރީ 31، 1996 ވަނަ އަހަރު ކޮލަމްބޯ ސެންޓްރަލް ބޭންކަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު އެއް ފަހަރާ އެންމެ ގިނަ ބަޔަކު މަރުވި ޓެރަރިސްޓް ހަމަލާއެވެ.

ތަމަޅަ ހަނގުރާމަވެރިން ދިން އެ ހަމަލާތަކުގައި ޖުމްލަ 91 މީހުން މަރުވެ 1400 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ނަމަވެސް މިއަދު ލަންކާގައި ދިން ބޮމުގެ ހަމަލާތައް ދިނީ ކޮން ބައެއްކަން އަދި ހޯދިފައި ނުވެއެވެ. އަދި ލަންކާގެ ފުލުހުންނާއި ސިފައިން އަންނަނީ ހަމަލާގެ ޒިންމާ ވަކި ބައެއްގެ ބޮލުގައި އަޅުވައި އިތުރު ހަމަނުޖެހުންތަކަށް މަގު ފަހިވާނެ ކަންކަން ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.

Leave a comment

Your email address will not be published.