Fri, 5 June, 2020, 1:46 am
މާބަނޑު ދުވަސްވަރު ދުވާލަކު މަދުވެގެން 1.5 ލިޓަރުގެ ފެން ބޯންވާނެ!
44

ފެނަކީ ހަށިގަނޑަށް ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި އެއްޗެކެވެ. އެގޮތުން ދުވާލަކު އަށް ތަށި ފެން ބުއިމަށް ގިނަ ސިއްހީ އިދާރާތަކުން އިލްތިމާސްކުރެއެވެ. އޭގެ ސަބަބުން މަސްތަކުގެ ވަރުބަލިކަން ފިލުވާލަދީ، ކިޑްނީގެ ހިނގުން ރަނގަޅުކޮށްދީ، ހަޖަމު ކުރުމާއި ބަރުދަން ލުއިކޮށްދިނުން ފަދަ އެތައް ފައިދާއެއް ހިމެނެއެވެ.

ކަން މިހެން އޮތްއިރު، ހާއްސަކޮށް މާބަނޑު ދުވަސްވަރު ފެންބޯންޖެހޭ މިންވަރު އިތުރުކުރަންޖެހެއެވެ.

ސިއްހީ އިދާރާތަކުން ބުނާގޮތުގައި، މާބަނޑު އަންހެނަކު ދުވާލަކު 1.5 ލީޓަރު ނުވަތަ ދެ ލިޓަރުގެ ފެން ބޯން ޖެހޭނެއެވެ. އަދި އާދައިގެ މަސައްކަތެއް ކުރާނަމަ މަސައްކަތެއްކުރާ ކޮންމެ ގަޑިއަކު 250 މިލިލީޓަރުގެ ފެން އިތުރަށް ބޯން ޖެހޭނެއެވެ.

މާބަނޑު ދުވަސްވަރަކީ ހަށިގަނޑަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްތަކެއް ކަމުން ފެން ނުބައި މީހުން ވެސް އުޅެއެވެ. އެފަދަ އަންހެނުންނަށް ފެން ތެރެއަށް ލުނބޯ އަޅައިގެން ނުވަތަ ކިރުތައްޓެއް ނުވަތަ ޖޫސް ތައްޓެއް ބޮޮވިދާނެއެވެ.

ނަމަވެސް ކޮފީ، ސައި އަދި ކޮކާކޯލާ ފަދަ ބުއިންތައް ފެންބޯ މިންވަރުގެ ތެރޭގައި ހިމަނައިގެން ނުވާނެއެވެ. އެއީ ދިޔާއެއްޗެތި ކަމުގައި ވީނަމަވެސް އެއިން ހަށިގަނޑަށް ނަގާ ފެން މަދުވެ ކުޑަކަމުދާ އެއްޗެތި އިތުރު ކުރާ ބާވަތްތަކެކެވެ.

ވުމާއެކު ހަށިގަނޑުން ފެން މަދުވުމަކީވެސް މިބާވަތްތައް ބޭނުން ކުރާނަމަ ވެދާނެ ކަމެކެވެ.

މައިމީހާ ކާ ކާނާ ދަރިފުޅަށް ރަހިމުންލާފައި ގެންގޮސްދެނީ ފެނުގެ އެހީގައެވެ. ގިނައިން ފެންބުއިމުން ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް މަދުވެގެންދެއެވެ. އެއީ ކުޑަކަމުދާ އެއްޗެތި ގިނަވުމުން މިނިޒާމަށް ވަންނަ ބެކްޓީރާ ފަދަ ތަކެތި ދޮވެލާތީއެވެ.

އަދި ދުވާލަކު ބޮވޭ ފެނުގެ މިންވަރު ނޭނގޭނަމަ ދޮޅު ލިޓަރުގެ ނުވަތަ ދެ ލިޓަރުގެ ފުޅިއަކަށް ފެން އެޅުމަށްފަހު އެވަރުގެ ފުޅިއެއްގެ ފެން ދުވާލަކު ބޮވޭތޯ ބަލާށެވެ. ފެންބޯއިރު އެއްފަހަރާ ގިނައިން ފެން ބުއިމުގެ ބަދަލުގައި އެކިފަހަރުމަތިން މަދުމަދުން ފެން ބޯށެވެ. އެއްފަހަރާ ގިނައިން ފެންބުއިމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ.

Leave a comment

Your email address will not be published.