ނަސްވާ ހަސަން
30 April 2019
މަޤްބޫލު ޙަބަރު

ލަންކާގައި ހިނގި ނިރުބަވެރު ހަމަލާތަކަށް ފަހު ކުއްލި ހާލަތު އިއުލާން ކޮށްފައިވާ ސްރީލަންކާއިން އިތުރު ތިން ދިވެއްސަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ލަންކާގައި ހުންނަަވާ ދިވެހިރާއްޖޭގެ ސަފީރު އުމަރު އަބްދުއްރައްޒާގު ވިދާޅުވީ ތިން ދިވެހިން ހައްޔަރެއް ނުކުރާ ކަމަށާއި އެމީހުން ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށް ކަމަށެވެ. އަދި މިކަމާއިގުޅޭ އިތުރު މައުލޫމާތު މިއަދު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ލަންކާގައި ފުލުހުން ހިންގާ އޮޕަރޭޝަންގައި ބަލައި ފާސްކުރުމުގެ އިތުރުން ޗެކް ޕޮއިންޓްތަކުން މީހުން ޗެކް ކުރަމުންދާއިރު ބައެއް ދިވެހީންގެ ވިސާގެ މުއްދަތު ހަމަވެފައިވާ ކަމުގެ މައްސަލަތަކެއް ފާހަގަވާކަމަށެވެ. އަދި އެފަދަ މީހުން ޗެކް ކުރުމަށްފަހު، ސުވާލުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ހަމަލާއާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންގައި ހަ ދިވެއްސަކު އެ ގައުމުގެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު ދިވެހިން މިހާރު ވަނީ މިނިވަން ކޮށްފަ އެވެ. ނަމަވެސް އަނެއް ދެ މީހުންގެ ބަންދަށް ވަނީ 13 ދުވަސް ޖަހައިފަ އެވެ. އެ ދެ މީހުން ހައްޔަރު ކުރީ އެ މީހުން ދިރިއުޅޭ ގެއިން އައިއެސް ޖަމާއަތާ ގުޅޭ ފޮތެއް ފެނުމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©