Sun, 19 January, 2020, 12:07 pm
އާ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުން ސިޔާމަށް

ނަވާރަ ވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބުކުރި މެންބަރުން ހުވާ ކުރުމަށްފަހު ބާއްވާ އެ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަހުމަދު ސިޔާމް މުހައްމަދު ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިއްޔެ ނިމިފައިވާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި 87 މެންބަރުން ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހު ރޭ 9:30 ގައި ރައްޔިތުން މަޖިލިސްކުރާ ގޭގައެވެ.

ރައްޔިތުން މަޖިލީހުން މިއަދު ބުނީ، ހުވާ ކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާ އޮންނާނެ ކަމަށާއި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށެވެ.

އެމްޑީއޭގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ ސިޔާމް ރިޔާސަތު ބަލަހައްޓާ ގޮތަށް ހަމަޖެއްސީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.

ރައްޔިތުން މަޖިލީހުގެ ރައީސާއި ނައިބުރައީސް ކަނޑައެޅުމާ ބެހޭ އެ މާއްދާގެ (ހ)ގައި ބުނެފައިވަނީ، އާންމު އިންތިހާބަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު އިންތިހާބު ކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އެ ޖަލްސާ އަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން މަޖިލިހުގެ މެމްބަރު ކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރު ކަމަށެވެ.

އަދި މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަދުވަސްވީ ގިނަ މެންބަރުންތަކެއް ތިބިނަމަ އެ މެންބަރުންގެ ތެރެއިން އެންމެ ދޮށީ މެންބަރު ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރި މެންބަރުންގެ ތެރެއިން މިހާރު އެންމެ ދުވަސްވީ މެންބަރަކަށް ހުންނަވާނީ ސިޔާމްގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމެވެ. ނަމަވެސް ސިޔާމާއި އަސްލަމްގެ ތެރެއިން ދޮށި ވާނީ ސިޔާމެވެ.

ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީއަށް 65 ގޮނޑި ލިބިފައިވާއިރު މިއީ ޕާޓީއަކުން މިހާ ގިނަ އަދަދެއްގެ ގޮނޑި ނެގި ފުރަތަމަ ފަހަރެވެ.

Leave a comment

Your email address will not be published.