ނަސްވާ ހަސަން
30 April 2019
މަޤްބޫލު ޙަބަރު

ދެހާސް ތޭރަވަނަ އަހަރު ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ މއ އައިޝާ ހުސައިން ވަހީދު މަރާލި ކުއްޖާއަށް ޖުވެނައިލް ކޯޓުން އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

އެ މައްސަލައިގައި ޖުވެނައިލް ކޯޓުން މެރުމަށް ހުކުމް ކޮށްފައި ވަނީ 18 އަހަރު ނުފުރޭ ދެކުއްޖެއްގެ މައްޗަށެވެ. ހުކުމުގައި ބުނެފައި ވަނީ ހުސައިން ވަހީދު މަރާލާފައިވަނީ ބާލިގުވެ ބުއްދިސަލާމަތުންވާ ހާލު ކަމަށެވެ. އަދި އެކަމުގައި އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތް ކަމަށާއި މަރާލީ މަރާލުމުގެ ގަސްދު އޮވެގެންކަން ޝަރުއީ މިންގަނޑުތަކުން ސާބިތުވާ ކަމަށް ހުކުމްގައި ވެއެވެ.

ހުކުމްގައި ބުނީ، ގަސްދުގައި މީހަކު މަރާލުމުގެ ކުށަށް އިސްލާމީ ޝަރީއަތުގަ އާއި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ އަދަބަކީ މަރުގެ އަދުބު ކަމަށާއި މި މައްސަލާގައި އެ އަދަބު ދިނުމަށް ބޭނުންވާ ހުރިހާ ޝަރުތެއް ފުރިހަމަވާ ކަމަށެވެ.

އެގޮތުން ހައިކޯޓުން އެ ހުކުމަށް ތާއީދުކޮށް، ބުނެފައި ވަނީ އެ ހުކުމުގައި މަރުގެ ހުކުމް އިއްވި ކުއްޖާގެ މައްޗަށް ފަސް ހެކިންގެ ހެކިބަސް ލިބިފައިވާތީ އާއި އެކުއްޖާ ހުސައިން ވަހީދަށް ހަލަމާދިންތަން ފަސް ހެކިންނަށްވެސް ފެނިފައިވާކަމަށް ހެކިބަހުން ސާބިތުވާކަމަށެވެ. އޭގެ އިތުރުން ހައިކޯޓުން ނިންމީ ދަށުގެ ކޯޓުގެ އެ ހުކުމް ދަމަހައްޓުމުގެ އިތުރުން ވަހީދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފުމަށް ޝަރީއަތުގެ މަޖިލީހުގައި އެދިފައިވާތީ އެ އަމަލަކީ ވަހީދު މަރާލުމުގެ ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް ސާބިތުވާ ކަމަށް ހުކުމްގައި ވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©