Thu, 28 May, 2020, 8:54 am
ބިދޭސީން ކުރަމުންދާ މަސައްކަތްތަކާ ދިވެހީން ހަވާލުވުމަކީ ގައުމަށް ލިބޭނެ ކުރިއެރުމެއް: ރައީސް
22

ގައުމުގެ އިގްތިސާދަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ ރާއްޖޭގައި ބިދޭސީން ކުރަމުންދާ މަސައްކަތްތަކާ ދިވެހީން ހަވާލުވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާއްސަބަތުގައި ރައީސް ސޯލިހު އިއްޔެ ދެއްވި ހިތާބުގައި ވިދާޅުވީ ދިރިއުޅުމަށް ޓަކައި މަސައްކަތް ކުރުމަކީ އިންސާނަކަށް ވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއް ކަމަަށެވެ. ނަމަވެސް ވަކި ކަހަލަ ވަޒީފާއެއް ނުލިބޭތީ މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން ތިބި އެތައް ޒުވާނުންވެސް މަދެއް ނޫން ކަމަށެވެ

އެގޮތުން ދިވެހިން ކުރިން ކުރަމުން އަންނަ ގިނަ މަސައްކަތްތައް މިހާރު ބިދޭސީން ކުރަމުން އަންނައިރު އމަސައްކަތާއި ދިވެހިން ހަވާލުވުމަކީ ރާއްޖޭން ބޭރުވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ހަމައެފަދައިން، ޤާނޫނު އަސާސީ އާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި މުވައްޒަފުންނަށް އިންޒާރު ދިނުމާއި ވަޒީފާއިން ވަކިކުރުމަކީ، ސަރުކާރުގެ ތެރޭގައި ނޫނަސް، މިހާރު ވެސް ހިނގަމުންދާ ކަންކަން ކަމަށް ފާހަގަކޮށް މަސައްކަތްތެރީންގެ އެތައް ހައްގުތަކެއް ނިގުޅައިގަނެވިފައިވާކަން ގަބޫލުކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ސޯލިހު ވިދާޅުވި ހަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫން ކަމަށެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރާއިރު އަޒުމް ކަނޑައަޅަންވީ ދިރިއުޅުމުގެ ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމުކަން ޒުވާނުން ގަބޫލުކޮށް ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވުމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

Leave a comment

Your email address will not be published.