ނަސްވާ ހަސަން
01 May 2019
މަޤްބޫލު ޙަބަރު

މާލޭގެ ގެއެއްގައި އެއާކޯން ހަރުކުރަން އުޅުނު މީހަކު އިމާރާތަކުން ވެއްޓިއްޖެ އެވެ.

ފުލުހުން ވެސް އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން “ހަފްތާ” އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ބުނީ، މާފަންނު ގެއެއްގެ ދެވަނަ ބުރީގައި އޭސީ އެއް ހަރުކުރަން އުޅުނު ބިދޭސީއަކު ވެއްޓިގެން މިރޭ 6:34 ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހާދިސާގައި އަނިޔާވެފައި ވަނީ 18 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކަށެވެ.

“ހަފްތާ” އަށް އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާ ވެއްޓިފައި ވަނީ ކުރިން ވެސްޓް ޕާކު ރެސްޓޯރެންޓް ހުރި ސަރަހައްދުގައި ހުންނަ މ.ފަންނުވެލި ނަމަކަށް ކިޔާ ގެ އެއްގަ ދެވަނަ ބުރިންނެވެ.

އަދި އޭނާ ވެއްޓިފައި ވަނީ އޭސީގެ އައުޓްޑޯ ހަރުކުރަން ވެގެން އެ ގޭގެ ކުޑަދޮރުން ބޭރަން ނުކުމެ އުޅެނިކޮށް ކަމަށް އެނގިފައި ވެއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ހުރި މީހަކު “ހަފްތާ” އަށް ބުނީ، އެ ބިދޭސީ މީހާ ވެއްޓިފައި ވަނީ އެ ގޭގެ ކައިރީގައި ހުރި ގަހުގައި ޖެހިފައި ކަމަށެވެ. އަދި އޭނާ ވެއްޓުނު ގޮތަށް ބޯ ފަޅައިގެން ދިޔަ ކަމަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

“ހަފްތާ” ގެ ރިޕޯޓަރެއް އެ ސަރަހައްދަށް ދިޔައިރު ގިނަ އަދަދެއްގެ ލޭ ބިންމަތީގައި ފެންނަން ހުރިއިރު، ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.

ނަމަވެސް އޭނާއަށް ލިބުނު އަނިޔާ ތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©