.
02 May 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި ބިދޭސީން ކުރަމުންދާ މަސައްކަތްތަކާއި ދިވެހީން ޙަވާލުވުމަކީ، ޤައުމުގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްނަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ، އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާޢީ ވާޖިބެއްކަމުގައި ވީނަމަވެސް ވަކިކަހަލަ ވަޒީފާއެއް ނުލިބޭތީ މަސައްކަތެއް ނުކޮށް ތިބޭ ޒުވާނުން މިހާރުވެސް ރާއްޖޭގައި ތިބިކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޙަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ، އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫންކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީން ކުރަމުންދާ މަސައްކަތްތަކާއި ދިވެހީން ޙަވާލުވުމަކީ، ޤައުމުގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ، ރާއްޖޭން ބޭރުވާ ބޭރު ފައިސާގެ މިންވަރު، ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމެއް ކަމަށެވެ.

މަސައްކަތްތެރިންނަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތްތެރީން ކުރި އެންމެ ހިތްދަތި ތަޖުރިބާއަކީ ނާޖާއިޒު ގޮތުގައި ސިޔާސީ ބާރާއި ނުފޫޒު ބޭނުންކޮށްގެން، މީހުން ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ އަދާކުރާ ތަން ބަދަލުކުރުންކަމަށެވެ. އެހެންކަމުން އެފަދަ ގޮތްގޮތަށް ވަޒީފާއިން ވަކިކޮށް ނުވަތަ ވަޒީފާ އަދާކުރާތަން ބަދަލުކުރި މަސައްކަތްތެރިންގެ ވަޒީފާ އަލުން އިޢާދަކޮށްދިނުމުގެ މަސައްކަތް، ސަރުކާރުން ފަށައިގެން ކުރަމުން އަންނަ ކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. މިމައްސަލަތަކާއި ގުޅުންހުރި ތަފާސް ހިސާބުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނުޙައްޤުން ވަޒީފާއިން ވަކިކުރުމުގެ، 300 އަށް ވުރެ ގިނަ މައްސަލަ، މިދިޔަ އަހަރުގެ ތެރޭގައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަމަށާއި އޭގެ ތެރެއިން 90 އިންސައްތައަށް ވުރެ ގިނަ މައްސަލަ ނިންމާފައިވަނީ، އެމީހުންނަށް އަލުން އަނބުރާ ވަޒީފާ ދިނުމަށްކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©