Sun, 31 May, 2020, 12:21 pm
މިނިވަން ނޫސްވެރިކަމުގެ ޒަރިއްޔާއިން ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވޭނެ: ރައީސް
5

މިނިވަން ނޫސްވެރިކަމުގެ ޒަރިއްޔާއިން ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމާއި ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިން، ދައުލަތުގެ މުއައްސަސާތައް ސަލާމަތްކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި ދަމަހައްޓަމުން އައި ސަޤާފަތަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ލަގަން ސަރުކާރުގެ މުށުތެރޭގައި ބޭއްވުންކަމަށެވެ. އަދި މި ސަރުކާރު ފެށުނުއިރުވެސް، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ، “އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ ޤާނޫނު”ގެ ސަބަބުން ކަސްތޮޅު އަޅުވައިފައިކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ފެންނަން އޮތް ޙަޤީޤަތަކީ، އެކަން އެގޮތަށް ކުރުމުން، ޤައުމަށް ލިބުނު މޮޅެއް، އަދި ސަރުކާރަށް ލިބުނު ފައިދާއެއްވެސް ނެތްކަންކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެކުރިން އޮތް ސަރުކާރުން، ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމުގެ ދޮރު ނޫސްވެރިންނަށް ބަންދުކުރުމުން، މުޅި ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައި، ކޮރަޕްޝަނާއި ފަސާދަ ޢާންމުވިކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަން ކުރުމާއި ޚިޔާނާތްތެރިވުން އިންތިހާއަށް އިތުރުވެގެންދިޔަކަމަށާ، ނަތީޖާއަކަށްވީ، ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަހަރުން އަހަރަށް ދަށަށް ގޮސް، 2018 ވަނަ އަހަރު ނިމުނުއިރު، އެ އިންޑެކްސްގެ 120 ވަނައަށް ރާއްޖެ ވެއްޓުންކަންވެސް ރައީސް ޞާލިޙް ފާހަގަކުރައްވާފައިވެއެވެ.

މިސަރުކާރު އުފެދުމަށްފަހު، އެމަނިކުފާނު އެންމެފުރަތަމަ ތަޞްދީޤުކުރެއްވި ބިލަކީ އަބުރުގެ ޤާނޫނު އުވައިލުމުގެ ބިލުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން، މިސަރުކާރުން އަނބުރައި ހޯދައިދެއްވީ މިނިވަން ނޫސްވެރިކަމުގެ ޒަރިއްޔާއިން ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމާއި ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިން، ދައުލަތުގެ މުއައްސަސާތައް ސަލާމަތްކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

މިސަރުކާރުން މަސައްކަތްކުރަމުން އަންނަނީ، މިހާރަށްވުރެވެސް މިނިވަން ވެށްޓެއްގައި ނޫސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށާ، ހަމައެއާއެކު، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް، ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައިވަނީ ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ޤާއިމުކުރުމަށް، މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި، ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިހާރުވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު، 22 ޕޮއިންޓުގެ ކުރިއެރުމަށް ހޯދައި، 120 ވަނައިން 98 ވަނައަށް ކުރިއަށް ޖެހިފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، މި ސަރުކާރުން ނޫސްވެރިޔަކު ހިފައި ހައްޔަރު ނުކުރާނެ ކަމަށާ، ނޫސްވެރިންގެ ކަރަށް ބާރުކުރުމަށް، ޤާނޫނުތައް ނުހަދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ނޫސްވެރިންނަށާއި ރައްޔިތުންނަށް ދެއްވާކަމަށް ރައީސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

Leave a comment

Your email address will not be published.