މުޙައްމަދު އީމާން
04 May 2019
މަޤްބޫލު ޙަބަރު

ލ. ގަމުގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދުމަށްފަހު، އިތުރަށް ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގުރޫޕަކުން، ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް، ތޫނު ހަތިޔާރުން ބިރު ދައްކާ އޭނާގެ އަތުން 8900 ރުފިޔާ ފޭރިގަނެ އިތުރު ފައިސާ ހޯދަން އެދެމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ރޭ 10:45 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ހޯދަން އެދެމުންދާ ފައިސާތަކާ ހަވާލުވާން، ލ. ގަމު ޕްރޮވިންސް އޮފީސް ކައިރިއަށް އައި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނާގޮތުގައި، ހައްޔަރުގައި ހުރީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ.

އަދި އޭނާއާއެކު ފައިސާތަކާ ހަވާލުވާން ގޮސް ހުރި ދެވަނަ މީހާ ސައިކަލަކަށް އަރައިގެން އެ ސަރަހައްދުން ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފަހަކަށް އައިސް މީހުން ރަހީނުކޮށްގެން ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، މީގެ ދެ ދުވަސް ކުރިން ވެސް އެފަދަ މައްސަލައެއް ވަނީ ހިނގާފައެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 29 އަހަރުގެ ބަންގުލަދޭޝް މީހެއް ރަހީނުކޮށް އޭނާގެ ރައްޓިއްސަކަށް ގުޅައި، 40،000 ރުފިޔާ ދިނުމަށް ވަނީ ޑިމާންޑުކޮށްފައެވެ. އެ މައްސަލާގައި އެ ފައިސާއާ ހަވާލުވާން ދިޔަ ބިދޭސީ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، ބިދޭސީ މީހާ ރަހީނުކުރި މައްސަލާގައި ހަތް ދިވެއްސަކު ބައިވެރިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©