Sun, 31 May, 2020, 11:24 am
އަންނަ ހޯމަ ދުވަހަކީ މުލަ ރޯދަ ދުވަސް
50

އަންނަ ހޯމަ (މެއި 6، 2019) ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ސަރުކާރުން ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އަންނަ ހޯމަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައެޅީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިއްވި، ރަމަޟާން މަހުގެ ހަނދާބެހޭ ގަރާރުގައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ސޮއިކުރައްވާ ނެރުއްވި ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގެ އެއްވެސް ތަނަކަށް ހަނދު ފެނިފައިނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކުން ވެސް ހަނދު ފެނުނުކަން ރަސްމީކޮށް އިއުލާން ކޮށްފައިނުވާތީ މާދަމާއަކީ މިއަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަދި މި ހިނގާ 6 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ނިންމައިފި ކަމަށެވެ.

އަދި ކުރިއަށް އޮތް ރަމަޟާން މަހުގައި ރޯދަ ހިފުމަށް ފަރުވާތެރިވެ، ﷲގެ ރުއްސެވުމާއި މަޤުފިރަތަށް އަދި ހެޔޮކަންތައް ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އަންނަ ހޯމަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ރާއްޖޭން ކަނޑައެޅިއިރު، ސައުދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައިވާ އުއްމުލްޤުރާ ކަލަންޑަރުގައި ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މެއި 6 ވާ ހޯމަ ދުވަހެވެ.

Leave a comment

Your email address will not be published.