Thu, 4 June, 2020, 1:47 pm
އަތުލައިގެން ބޯޓު ފަރަށް އަރައިފި، ބޯޓުން 50 ކިލޯގެ ޑުރަގް ވަނީ ފެނިފައި!
11

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޑުރަގް ޓްރެފިކް ކުރަން އުޅެނިކޮށް އިއްޔެ އަތުލައިގެން އިރާނުގެ ބޯޓު މާލެ ގެންނަނިކޮށް ފަރަށް އަރައިފިއެވެ.

ރާއްޖޭގެ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލައިގަތީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި އެ ބޯޓަކީ އޭޝިއާ ސަރަހައްދުގައި މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ޓްރެފިކް ކުރާ ބޯޓެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު ބުނީ، އެ ބޯޓު މާލެ ބަދަރަށް ގެންނަނިކޮށް ކ. ވިލިނގިލި ކައިރީގައި އޮންނަ ފަރަކަށް އަރާފައިވާ ކަމަށެވެ. އެގޮތުން ބޯޓު މިހާރު ސާޗް ކުރަމުންދަނީ ފަރުމަތީގައި ބާއްވައިގެން ކަމަށް ފުލުހުުން ބުނެއެވެ.

ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި، އެ ބޯޓުން ގާތްގަނޑަކަށް 51 ކިލޯގެ މަސްތުވާތަކެތި މިހާތަނަށް ވަނީ ފެނިފައެވެ.

އަދި ވެސް ބޯޓު ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، މަސްތުވާތަކެތި ފޮރުވާފައިވަނީ ކޮމްޕާޓްމަންޓްސްގެ އިތުރުން ފައިބަރު ލޭޔަރަށް އަޅައިގެން ނުފެންނަ ގޮތަށް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ބޯޓު ފަރަށް އެރުމާ ގުޅިގެން އެ ބޯޓު ފުންކުރުމާއި ބަލައި ފާސްކުރުމުގެ މަސައްކަތް ހިންގާ ގޮތް ބައްލަވާލެއްވުމަށް މިއަދު މެންދުރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންނައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިސްވެރިން ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.

Leave a comment

Your email address will not be published.