Thu, 4 June, 2020, 1:05 pm
ލަންކާގެ ރެސިޑެންސް ވިސާ ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި
7

ސްރީ ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ތެރެއިން، އެގައުމުގެ ރެސިޑެންސް ވިސާ ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

ރެސިޑެންސް ވިސާއަކީ ލަންކާއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ނުވަތަ އެކި ބޭނުންތަކަށް ދިގު މުއްދަތަށް އެގައުމުގައި އުޅެން ބޭނުންވާ އެހެން ގައުމުތަކުގެ މީހުންނަށް ދޫކުރާ ވިސާއެކެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނީ، އެހެން ހުރިހާ ގައުމަކާއެކު ރާއްޖެއަށް ވެސް ރެސިޑެންސް ވިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާކަން ލަންކާއިން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ގެނައި ބަދަލާއެކު، ދިގު މުއްދަތަށް ލަންކާގައި ތިބެން ބޭނުންވާނަމަ އެގައުމަށް ފުރަތަމަ އެތެރެވެވޭނީ ވެސް ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީއަށް ގޮސްގެން ރެސިޑެންސް ވިސާ ލިބިގެންނެވެ. އެ އުސޫލަށް އަމަލު ކުރަން ފަށާނީ މި މަހުގެ 15 އިން ފެށިގެންނެވެ.

ކުރިން އޮންނަ ގޮތުންނަމަ ކިޔެވުމާއި އެކި ބޭނުންތަކަށް ލަންކާއަށް ދާ ދިވެހިން ޓޫރިސްޓު ވިސާގައި، އެ ގައުމަށް އެތެރެވުމަށްފަހު، ލަންކާގައި ތިބެގެން އިމިގްރޭޝަނުން ރެސިޑެންސް ވިސާ ނެގޭނެއެވެ.

ރެސިޑެންސް ވިސާއަށް މި ބަދަލު ގެނައި ނަމަވެސް، އޮން އެރައިވަލް ވިސާ އަށް ބަދަލެއް އަދި ނުގެނެއެވެ.

ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުން، ރެސިޑެންސް ވިސާ އަށް މި ގެނައި ބަދަލުގެ އެއްވެސް އަސަރެއް، ލަންކާގައި މިހާރު ދިރިއުޅޭ ދިވެހިންނަކަށް ނުކުރާނެއެވެ.

އަދި ރެސިޑެންސް ވިސާގައި މިހާރު ލަންކާގައި ތިބި ދިވެހިންގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް ލަންކާގައި ތިބެ އާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔެވުމާއި ބޭސްފަރުވާ ފަދަ ބޭނުންތަކުގައި ލަންކާގައި ގާތްގަނޑަކަށް 15،000 ދިވެހިން ލަންކާގައި ދިރިއުޅޭނެ ކަމަށް ބެލެވެއެވެ.

Leave a comment

Your email address will not be published.