މުޙައްމަދު އީމާން
10 May 2019
މަޤްބޫލު ޙަބަރު

ފަހުރުވެރި އާއިލާއެއް ބިނާކުރުމަށް، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ތުއްތު ކުދިން ތަރުބިއްޔަތު ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސް ވިދާޅުވީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރެވިގެން ނޫނީ، ފަހުރުވެރި އާއިލާއެއް ބިނާކުރުމަށް، ދެކޭ ހުވަފެން ހަގީގަތަކަށް ނުހެދޭނެ ކަމަށެވެ.

އަދި ބަނަވެފައިވާ ސާނީ މުޖްތަމައުގައި ފެތުރެމުންދާ، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިކުރުތަކުން ދަރީން ދުރުހެލިކޮށް، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ ވިސްނުން އަށަގެންނުވޭނީ، އެގޮތުގައި ދަރިން ތަރުބިއްޔަތު ކޮށްގެންކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހި ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކީވެސް، އެންމެ ޅަފަތުން ފެށިގެން އާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުދިންކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު މަގްސަދެއް ކަަމަށެވެ.

އަދި މި ސަރަހައްދުގެ ޤައުމުތަކުގެ ކުޑަކުދިންގެ ހާލަތާ އަޅައިބަލާއިރު، ރާއްޖޭގެ ކުޑަކުދިންގެ ހާލަތު ނިސްބަތުން ރަނގަޅުކަން ފާހަގަކުރައްވާ ރައީސް ވަނީ، ދިވެހި ކުޑަކުދީންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންތައް އެބަހުުރިކަން ފާހަގަކުރައްވައިފައެވެ.

“އެގޮތުން މިވަގުތު އެންމެ އިސްކަންދީގެން، ސަރުކާރުން ކުރަން ބޭނުންވާ އެއްކަމަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމެވެ.،” ރައީސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގައި ހިިތާބުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ މިހާރުގެ އާބާދީގެ ނިސްބަތުން ބަލާއިރު، އާބާދީގެ ވަރަށް ބޮޑު އިންސައްތައަކީ ކުޑަކުދިން ކަމަށާއި މި ޤައުމުގެ ހުރިހާ ކަމެއް، މާދަމާ ފުރޮޅިގެން ދާނީ، މިއަދުގެ ކުޑަކުދިންގެ ގޮތުގައި މިއޮތް ޖީލުގެ އަތްމައްޗަށް ކަމަށެވެ.

އެގޮތުން، މިއަދުގެ ތުއްތު ކުދިންނަކީ އަންނާން އޮތް ޖީލުގެ ފެށުން ކަމަށްވީތީ، އެކުދީންގެ ސިއްހީ ދުޅަހެޔޮކަމާއި، ޖިސްމާނީ ހަށިހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހޭ ކަމަށާއި  ވަކީން ޚާއްޞަކޮށް، އެކުދީންނަށް ހެޔޮލަފާ ތަރުބިއްޔަތެއް ދިނުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ހަށިހެޔޮ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި، ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުޑަކުދިންގެ ސިއްހަތު ބެލޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ، ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމަށެވެ.

“ސުޕާރީއާއި، އެނަރޖީ ބުއިންތަކާއި، ހަކުރު ގިނަ ބުއިންތަކާއި، ޞިއްޙަތަށް ނުރަނގަޅު ތައްޔާރީ ކާނާގެ ބާވަތްތަކާ، ތުއްތު ކުދިން ދުރުކުރުމަށްޓަކައި، ކޮންމެ މަންމަޔަކާއި ބައްޕައެއް އަދި ކޮންމެ ބެލެނިވެރިއަކުމެ، ފަރުދީ ޒިންމާ އުފުލުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.،” ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©