Sun, 31 May, 2020, 1:03 pm
އާއިލާތެރޭގައި ކުދިންގެ ބައިވެރިވުން މުހިންމުކަން އެކުދިންނަށް އިހުސާސްކޮށްދޭންޖެހޭ: ޝިދާތާ
16

އާއިލާތެރޭގައި ކުޑަކުދިންގެ ބައިވެރިވުން އޮތްކަމާއި މުހިންމުކަން އެ ކުދިންނަށް އިހުސާސްކޮށްދޭންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ކުޑަކުދިންނާ ގުޅުން ހުރި ސިޔާސަތުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައިވާއިރު، ކުޑަކުދިން ބާރުވެރި ބަޔަކަށް ހެދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.

އެގޮތުން ކުޑަކުދިންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ޚިޔާލު ހޯދުމާއި، އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކާ މެދު ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ދަނީ ހޭލުންތެރިކުރުވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ވިދާޅުވީ، މި ފަދަ ކަންކަމުގައި ފުރިހަމަ ނަތިޖާއަކަށް ވާސިލުވުމަށް މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

“ޢާއިލާތެރޭގައާއި ތަޢުލީމީ މާޙައުލުގައި ވެސް، ކުޑަކުދިންގެ ބައިވެރިވުން އޮތްކަމާއި، މުހިންމު ކަން އެ ކުދިންނަށް އިހުސާސްކޮށްދޭން ޖެހޭ.” މިނިސްޓަރު ޝިދާތާގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

ތަފާތު އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ކުދިންނަށް އާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން ފޮސްޓަކުރުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެވި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުން ޙަވާލުކުރުމާ ބެހޭ އުސޫލު ގެޒެޓްކުރެވިފައިވާ ކަމަށެވެ.

އަދި ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ބައެއް ކުދިން ބައެއް ޢާއިލާތަކުން މިހާރު ވެސް ފޮސްޓަރކުރަމުންދާއިރު، އެ ފަދަ ކުދިންނަށް އުޖާލާ ދިރިއުޅުމެއް ތަނަވަސްކޮށްދީ، ހަރުދަނާ ޒުވާނުންތަކެއްގެ ގޮތުގައި ބިނާކުރުމަކީ ޝައްކެއްވެސްނެތް ގޮތުގައި މުޅި ޤައުމުގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކުޑަކުދިންގެ ދުވަހެއް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ “ކުޑަކުދިން ބާރުވެރިކުރުވުން”އެވެ.

Leave a comment

Your email address will not be published.