Thu, 4 June, 2020, 11:50 am
ސެނަހިޔާ އިތުރަށް ތަރައްގީ ކުރުމަށް އިންޑިއާ ސިފައިންނާއެކު މަޝްވަރާކޮށްފި
3

އަސްކަރީ ހޮސްޕިޓަލް ސެނަހިޔާއިން ދޭ ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމާ ގުޅޭގޮތުން އިންޑިއާގެ ސިފައިންނާއެކު މަޝްވަރާ ކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަރިހަށް އިންޑިއާ އަސްކަރިއްޔާގެ މެޑިކަލް ސާވިސަސްގެ ޑިރެކްޓަރު ޖެނެރަލް މޭޖަރ ޖެނެރަލް ޕްރަޝާންތު ބްރަދްވާޖްއާ އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށެވެ.

އަދި އެ ބައްދަލުކުރެއްވުމުގައި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުންދޭ ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް އެ މަޝްވަރާތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އާސަންދަ އާއެކު އާންމުންނަށް ވެސް ހިދުމަތް ދެމުންދާ ސެނަހިޔާ މިވަގުތު ހިންގަމުންދަނީ ކްލިނިކެއްގެ ގޮތުގައެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު އެ ތަނުންދޭ ހިދުމަތްތައް ރަނގަޅުކޮށް ހޮސްޕިޓަލަކަށް ބަދަލު ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސިފައިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 23 ދުވަހު ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ، ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް ސެނަހިޔާ ބަދަލުކުރުމުގެ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި އެތަން ހޮސްޕިޓަލު ފެންވަރަށް ތަރައްގީކޮށް އާ ހިދުމަތްތަކެއް ދެވެން ފެށޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް މިމަހުގެ ތެރޭގައި ވިދާޅުވެފައިވަނީ، ރަސްމީކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށް، ސެނަހިޔާއިން ސީޓީ ސްކޭނާއި އެމްއާރުއައިގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

Leave a comment

Your email address will not be published.