Mon, 25 May, 2020, 10:30 pm
ހަމައެއް އުސޫލަކަށް ބެލުމެއްނެތި ސަރުކާރުންގެންދަނީ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން: ޕީއެންސީ
4

އެއްވެސް ހަމައަކަށް އަދި އުސޫލަކަށް ބެލުމެއް ނެތި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަ ކަމަށް ބުނެ އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ޕީއެންސީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މުވައްޒަފުން ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރުދައްކައި އެ މުވައްޒަފުންގެ ވަޒީފާ އެކި ތަންތަނަށް މި ސަރުކާރުން ބަދަލުކުރަމުން އަންނަ ކަމަށެވެ.

” އެއްވެސް ހަމައެއް އުސޫލަކަށް ބެލުމެއް ނެތި އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މިސަރުކާރުން ގެންދަނީ ވަޒީފާއިން ވަކިކުރަމުން. ވަޒީފާގެ ބިރުދެއްކުމަކީ ކަންބޮޑުވާކަމެއް.” ޕީއެސްީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީން ބުނީ މި ރަމަޟާން މަހު ވެސް އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި، މި ސަރުކާރުން ހިންގާ އެފަދަ އަނިޔާވެރި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

“ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކީ ވެސް އާއިލީ ޒިންމާތައް އުފުލަމުންދާ މީހަކަށް ވީހިނދު، އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށް ނިކަމެތިކޮށްލުމަކީ އެތައް އާއިލާ އަކަށް އޭގެވޭނާއި ކެކުޅުން ތަހަންމަލް ކުރަން ޖެހޭނެ ކަމެކެވެ،” ޕީއެންސީގެ ބަޔާނުގައިވެއެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ކޮންމެ ޕާޓީއެއްގައި އުޅޭ މީހަކަށް ވެސް ހަމަޖެހިގެން ވަޒީފާގައި އުޅެވޭނެ ކަމުގެ ޔަގީންކަން އަރުވަމުން ކަމަށާއި އެހެންކަމުން ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންފައިވާ ވައުދާއެއްގޮތަށް އަމަލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާ ކަމަށްވެސް ޕީއެންސީން ބުންޏެވެ.

Leave a comment

Your email address will not be published.