މުޙައްމަދު އީމާން
13 May 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކޮށްފިއެވެ.

މީގެ ކުރީން ކޯޓު އަމުރެއްގެ ދަށުން ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމުގެ އިތުރުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދު ކުރަން ވެސް ކްރިމިނަލް ކޯޓުން ކުރިން އަމުރުކުރިއެވެ.

ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އެ ދެ މައްސަލަ ވެސް ބާތިލްކޮށްފައެވެ.

ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ ޝެޑިއުލްގައި ބުނެފައިވާ ގޮތުން، ދައުލަތުން ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވަނީ ކޯޓު އަމުރުގެ މައްސަލައެކެވެ. ނަމަވެސް އިސްތިއުނާފަށް ހުށަހެޅީ އޭގެ ތެރެއިން ކޮން މައްސަލައެއް ކަމަށް އަދި ނޭނގެއެވެ.

ސުޕްރީމް ކޯޓުގެ ޝެޑިއުލް ބުނާގޮތުން އިސްތިއުނާފަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:15 ގައެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©