Sun, 31 May, 2020, 12:57 pm
ނައިބް ރައީސުންނަށް އިނާޔަތްދޭ ބިލް ރައީސް ތަސްދީގެއް ނުކުރެއްވި
8

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދައުލަތުން އިނާޔަތެއް ދޭން ރައްޔިތުން މަޖިލީހުން ފާސްކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފި އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މީޑިއާތަކަށް ވިދާޅުވީ، ނައިބް ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލް އަނބުރާ ފޮނުވާލެއްވީ، އެ ބިލުގައި ގާނޫނުއަސާސީއާ އާރުޒު ކަންތައްތަކެއް ހުރުމުން އަލުން ވިސްނެވުމަށް އެދިވަޑައިގެން ކަމަށެވެ.

އަދި އޭގެ އިތުރުން ނައިބް ރައީސުންނަށް މާލީ އިނާޔަތް ދޭން ކަނޑައަޅާފައިވާ ގޮތުން، ކިތަންމެ ކުޑަ މުއްދަތަކަށް ވެސް ނައިބް ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔާތް ދޭން ޖެހޭ ކަން ހޫދު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމަށް މަޖިލީހުން ފާސްކުރި ބިލްގައި ބުނާގޮތުން، ނައިބް ރައީސްކަން ކޮށްފައިވާ ބޭފުޅުންގެ ތެރެއިން ޖިނާއީ ކުށެއް ސާބިތުވެފައި ނުވާ ކޮންމެ ފަރާތަކަށް އިނާޔަތުގެ ގޮތުގައި މަހަކު 35،000 ރުފިޔާ ދޭންޖެހޭނެއެވެ.

ނައިބް ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލްގެ އިތުރުން ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ބެހޭ ބިލް ވެސް ރައީސް ވަނީ އަނބުރާ ފޮނުވާލައްވައިފައެވެ. އެގޮތުން އެ ބިލް އަނބުރާ ފޮނުވާލެއްވީ ހޫދު ވިދާޅުވި ގޮތުގައި، އެ ބިލުގައި ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފުވުންތަކެއް ހުރިކަމަށް ރައީސް ދެކެވަޑައިގަންނަވާތީއެވެ.

Leave a comment

Your email address will not be published.