މުޙައްމަދު އީމާން
14 May 2019
މަޤްބޫލު ޙަބަރު

މިއަހަރުގެ މިހާތަނަށް ޑެންގީ އާއި ޗިކުންގުންޔާ ޖެހިގެން 2803 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ ވޭތުވެދިޔަ އަހަރުތަކުގެ ޖަނަވަރީ އިން އޭޕްރިލް މަހަށް ޑެންގީ ޖެހޭ މިންވަރަށް ބަލާޢިރު، މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަކަމަށެވެ.

މިއަހަރުގެ މިހާތަނަށް ޑެންގީގެ 1957 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮތުން މިއަހަރުގެ މާރިޗް މަހު އެކަނިވެސް 466 މައްސަލައެއް ރިޕޯޓް ކުރެވިފައިވާއިރު، އޭޕްރިލް މަހު ރިޕޯޓްކުރި މައްސަލައިގެ އަދަދު ވަނީ 509 އަށް އިތުރުވެފައެވެ.

އެޗްޕީއޭއިން ބުނީ، ޗިކަންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ފަހުން ރާއްޖޭގައި އެ ބަލީގެ އައުޓްބްރޭކެއް އައިސްފައިވަނީ 2006 ވަނަ އަހަރު ކަމަށާއި އޭގެ ފަހުން ވަރަށް މަދުން ކޭސްތައް ރިޕޯޓް ކުރެވިފައިވީ ނަމަވެސް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 846 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން މިދިޔަ މާރިޗް މަހު ޗިކަންގުންޔާގެ 279 މައްސަލައެއް ރިޕޯޓް ކޮށްފައިވާއިރު، އޭޕްރިލް މަހު ރިޕޯޓް ކޮށްފައިވަނީ 310 މައްސަލައެކެވެ. މިއީ މާރިޗް މަހާ އަޅާބަލާއިރު 31 މައްސަލައިގެ އިތުރުވުމެކެވެ.

އެޗްޕީއޭއިން ބުނީ، ޑެންގީ އާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©