Thu, 28 May, 2020, 8:56 am
މައުމޫން ފައުންޑޭޝަންގެ ފުރަތަމަ އިހްޔާ ޖަލްސާ މިރޭ! މައުޟޫއަކީ އިސްލާމްދީނާއި ޖިހާދު!
8

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފައުންޑޭޝަނުން މި ރޯދަ މަހު ބާއްވަން ނިންމާފައިވާ ރޭތައް އިހްޔާ ކުރުމުގެ ފުރަތަމަ ޖަލްސާ މިރޭ އޮންނާނެއެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ، ޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިރޭ 10:00 ގައި ކަމަށެވެ.

ޖަލްސާގައި އެ ފައުންޑޭޝަންގެ ޗެއާމަން ރައީސް މައުމޫން ވާހަކަފުޅު ދައްކަވާނެ ކަމަށާއި ވާހަކަފުޅުދައްކަވާނީ “އިސްލާމްދީނާއި ޖިހާދު” މި މައުޟޫއަށް ކަމަށް ފައުންޑޭޝަނުން ބުނެފައިވެއެވެ.

އަދި މިރޭގެ ޖަލްސާގައި މިއަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި މައުމޫން ފައުންޑޭޝަނުން ޝާއިއުކުރި “ހެޔޮކަމާއި ތަޤްވާގެ މައްސަރު” ފޮތް، ޖަލްސާގައި ލިބެން ހުންނާނެއެވެ. ފޮތެއްގެ އަގަކީ 50 ރ. އެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ، އެ ފޮތަކީ ބަރަކާތްތެރި ރަމަޟާން މަހާއި އެމަހުގެ ރޯދައާއި އަދި އެކަމާގުޅިފައިވާ ބައެއް މުހިންމު ކަންކަމާބެހޭ އަސާސީ މައުލޫމާތު އެއްފޮތަކުން ލިބެން ހުންނަ ގޮތަށް އެ ފައުންޑޭޝަނުން ތައްޔާރުކުރި ފޮތެއް ކަމާސެވެ.

އަދި އެ ފޮތުގައި ރަމަޟާން މަހުގެ މާތްކަމާ ބެހޭގޮތުން ރާއްޖޭގެ ބައެއް މަޝްހޫރު ޝާއިރުން ހައްދަވާފައިވާ ޅެންތަކެއް ވެސް ހިމަނާފައިވާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

މިއަހަރުގެ ރޯދަ މައުމޫން ފައުންޑޭޝަނުން ރޭތައް އިހްޔާކުރުމުގެ ގޮތުން ތިން ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Leave a comment

Your email address will not be published.