ނަސްވާ ހަސަން
15 May 2019
މަޤްބޫލު ޙަބަރު

ބޭރުގެ އެހެން ގައުމުތަކަށް ގޮސް ދިވެހިން ބައިވެރިވެ ހަނގުރާމަ ކުރުމަކީ ޖިހާދުކުރުމެއް ނޫންކަމަށާއި ކޮންމެ ބަޔަކަށްވެސް އެބައެއްގެ އަމިއްލަ ގައުމުގައި ތިބެގެން ޖިހާދު ކުރެވޭނެ ކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެއެެވެ.

އިސްލާމިކް މަރުކަޒުގައި ރޭ ބޭއްވި، މައުމޫނު ފައުންޑޭޝަންގެ ފަރާތުން ކުރިޔަށް ގެންދާ ރޭތައް އިހުޔާ ކުރުމުގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަފުޅު ދެއްކެވީ އިސްލާމްދީނާއި ޖިހާދު މިމައުޟޫއަށެވެ.

ރައީސް މައުމޫނު ވިދާޅުވީ، ޖިހާދު ކުރުމުގެ ނަމުގައި ދިވެހި ޒުވާނުންނަށާއި އާއިލާތަކަށް ބައެއް ފަރާތްތަކުން އޮޅުވާލަމުން ގެންދާއިރު، މައިންބަފައިންނާއި ބެލެނިވެރިން އެކަން ދަންނަން ޖެހޭނެ ކަމަށެވެ. އަދި ބޭރުގެ ގައުމުތަކަށް ހަނގުރާމަކުރަން ގޮސް ދިވެހިން މަރުވަނީ ކަމަށާއި އެއީ ދީނުގައި އޮތް ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

“ޖިހާދު ކުރަން ތަންތަނަށް ގޮސް، ދިވެހިންވެސް ގޮސް މަރުވަނީ، އެއީކީ ދީނުގައި އޮތް ގޮތެއް ނޫން. އަޅުގަނޑުމެން ޖިހާދުކުރާނީ އަޅުގަނޑުމެންގެ ގައުމުގައި ތިބެގެން. އެހެންތާކަށް ދާކަށް ނުޖެހޭނެ.” ރައީސް މައުމޫން ވިދާޅުވިއެވެ.

އަދި ހަނގުރާމަކުރާއި އިރުވެސް ހަނގުރާމައިގައި ބައިވެރި ނުވާބަޔަކު މެރުމާއި އަމިއްލައަށް ޖާނުގޮއްވާލައިގެންދޭ ހަމަލާތަކަކީވެސް އިސްލާމްދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި މައުމޫން ވިދާޅުވި އެވެ.

ޤުރުއާނާއި ސުންނަތުގެ ދަލީލުތައް ދައްކަވައި ރައީސް މައުމޫނުގެ ވާހަކަފުޅު ކުރިޔަށްގެންދަވަމުން ވިދާޅުވީ، ހަނގުރާމައަކީ ދީނުގައި މަނާވެފައި އޮތް ކަމެއް ނަމަވެސް އަމިއްލަ ނަފުސާއި ދީނާއި ގައުމުގެ ދިފާއުގައި މުސްލިމުންނަށް ހަނގުރާމަ ކުރުން ހުއްދަވެގެން ވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

“ކޮންމެ މުސްލިމަކަށް ވެސް ޖިހާދުކުރެވޭނީ އެ މީހެއްގެ އަމިއްލަ ގައުމުގައި ތިބެގެން. މިސާލަކަށް އަދުއްވުންގެ ބަޔަކު ރާއްޖެ އަށް ހަމަލާދީ ހަނގުރާމަކުރަން ފަށައިފިނަމަ އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި ގައުމާއި ދީނުގެ ދިފާއުގައި ހަނގުރާމަކުރުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވާނެ،” މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، 1930 ވަނަ އަހަރު ޔަހޫދީން ފަލަސްތީނަށް ވެރިވުމަށް ހިންގި ހަރަކާތްތަކުން ތެރޭގައި ހައްދު ފަހަނައެޅި ޓެރަރިސްޓް އަމަލުތައް ފެށިގެން އައި ކަމަށާއި އެއަށްފަހު 1973 ވަނަ އަހަރު މުސްލިމް ޖަމާއަތްތަކަށް ނިސްބަތްވާ ޓެރަރިސްޓް ހަމަލާތައްވެސް ފެށިފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©