މުޙައްމަދު އީމާން
15 May 2019
މަޤްބޫލު ޙަބަރު

ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ ރިޝްވަތު ނަގައިގެން ކުރި ހުކުމެއް ކަމަށް ކުރެވޭ ތުހުމަތު ތަކަކީ ބުހުތާން ދޮގު ކަމަށް ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭއިން އެހެން ބުނެފައިވަނީ، އޮންލައިން ނޫސް “ސީއެންއެމް”ގައި ދިބާޖާ މައްސަލާގެ ހުކުމް ސުޕްރީމް ކޯޓުން ނެރެފައިވަނީ ރިޝްވަތު ނަގައިގެން ކަމަށް ތުހުމަތު ކުރާ ކަމަށް ބުނެފައިވާ ލިޔުމެއްގެ ސަބަބުން ނެރުނު ނޫސް ބަޔާނެއްގައެވެ.

ޑީޖޭއޭއިން ބުނީ، ދީބާޖާގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ބިނާކުރެވުނު ޝަރުއީ އަދި ގާނޫނީ ސަބަބުތައް އެ ހުކުމްގެ ޝަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓުގައި ބަޔާން ކުރެވި، ދެފުށް ފެންނަ ގޮތަށް ގެންދިއުމުގެ އުސޫލާ އެއްގޮތަށް އެ ރިޕޯޓް ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި އާންމުކޮށް ޝާއިއުކޮށްފައިވާނެ ކަމަށެވެ.

“އެ ހުކުމާ ގުޅިގެން ފަނޑިޔާރުން ރިޝްވަތު ނެންގެވިކަމަށް ކުރަމުންދާ ތުހުމަތުތަކަކީ އަދި އެ ތުހުމަތުތައް ޕްރޮމޯޓްކުރުމަށް ނޫސްވެރިކަމުގެ ނަމުގައި މަދުބަޔަކު ލިޔެ ޝާއިއުކޮށްފައިވާ ލިޔުންތަކުގައި ވަނީ އެއްވެސް އަސްލެއް ނެތް ބުހުތާން ދޮގުކަން، ދިވެހި ރައްޔިތުންނަށް ހަގީގަތް ބަޔާންކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ،” ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ފަނޑިޔާރު ވިޔަސް، ދައުލަތުގެ އެހެން މަގާމެއްގައި ހުރި މީހަކު ވިޔަސް، ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ހިލާފުވެ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލެއް ހިންގައިފިނަމަ އެކަމާމެދު ޝަކުވާ ހުށަހަޅަންވީ އިދާރާތަކާއި ނިޒާމްތައް އެބަހުރި ކަމަށާއި އެތަންތަނަށް މައްސަލަ ހުށަހެޅުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، އެ ހައްގުގެ ބޭނުން ނުކޮށް، ފަނޑިޔާރުންނާ ބެހޭގޮތުން ހަގީގަތް ހިލާފު ދޮގު ވާހަކަތައް ދެކުމާއި އެފަދަ ވާހަކަތައް ފަތުރައި ޕްރޮމޯޓްކުރުމަކީ ގާނޫނީ ކުށަކަށް ވުމުގެ އިތުރުން ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ، އަދި އަހުލާގީ ގޮތުން ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މަގްސަދަކީ ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ނުބައި މަގްސަދުތައް ހާސިލްކުރުމާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި ބިރުދައްކައި އަދުލު އިންސާފު ގާއިމްކޮށް ގާނޫނު ހިންގުމަށް ހުރަސްއެޅުމަށް ކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.

އަދި އެއީ ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިސްލާހުކުރުމަށް ސުޕްރީމް ކޯޓުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވަން ކުރާ ކަމެއް ކަމަށް ވެސް ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ފެބްރުއަރީ 1، 2010 ގައި ދީބާޖާ އިންވެސްޓްމަންޓަށް 50 އަހަރަށް، ނ. ރ. ބ. އަދި ޅ. އަތޮޅު ހިމެނޭ އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ހަވާލުކުރިއެވެ.

ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ، ނަޝީދުގެ ނައިބް މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެން ހިސާބުން މެއި 30، 2013 ގައި ދީބާޖާގެ އެއްބަސްވުން ބާތިލްކުރިކަން އޭރުގެ ސަރުކާރުން ހާމަކުރިއެވެ. އެއްބަސްވުން ބާތިލްކުރީ ދަތުރުފަތުރުގެ ހިދުމަތް ހުއްޓިފައިވާ ކަމަށް ބުނެއެވެ.

އެއްބަސްވުން ބާތިލް ކުރުމުން ދިބާޖާއިން ސިވިލް ކޯޓުގައި ދައުވާކޮށް ބޮޑު ބަދަލެއް ނަގައިދޭން އެދުނެވެ. އަދި އެ މައްސަލަ ސިވިލް ކޯޓުން ނިންމީ އެ ކުންފުންޏާ އެއްކޮޅަށް، ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭ ގޮތަށެވެ.

ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ދައުލަތަށް ކާމިޔާބުވެ، ޖޫން 26، 2018 ގައި ދައުލަތުން ބަދަލު ދޭން ނުޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައެޅިއެވެ. ސަބަބެއް ކަމަށް ހުކުމުގައި ވަނީ ދެ ފަރާތެއްގެ ދެމެދުގައި އޮތް އެއްބަސްވުމެއް އުވާލުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ގާނޫނާ ހިލާފަށް އެ އެއްބަސްވުމެއް އުވާލިކަން ސާބިތު ކުރެވިގެން ކަމަށެވެ.

އެގޮތަށް ހުކުމްކުރީ ދީބާޖާއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރީ ގާނޫނާ ޚިލާފަށް ކަން ދީބާޖާ އަށް ސާބިތު ކޮށްދެވިފައި ނުވާތީ އާއި ދީބާޖާ އަށް ލިބުނު ކަމަށް އެ ކުންފުނިން ބުނާ ގެއްލުން ސާބިތު ކޮށްދެވިފައި ނެތް ކަމަށް ބުނެއެވެ.

ހައި ކޯޓުން އެގޮތަށް ހުކުމް ކުރި ނަމަވެސް މިދިޔަ މަހުގެ 17 ވަނަ ދުވަހު ސުޕްރީމް ކޯޓުން އެ މައްސަލަ ބާތިލްކުރިއެވެ. އެއީ ބަންޑާރަ ނައިބުގެ ފަރާތުން ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅީ އެކަމަށް ލިބޭ މުއްދަތު މާބޮޑަށް ވެސް ފަހަނައަޅާ ދިޔަ ފަހުން ކަމަށްވާތީއެވެ.

އަދި މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ މައުޟޫއީ ގޮތުން ބަލާފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ސުޕްރީމް ކޯޓުން ނިންމިއެވެ. ސުޕްރީމް ކޯތުން ބުނީ، އެ މައްސަލަ ދައުލަތުން ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅީ އިސްތިއުނާފް މުއްދަތު ހަމަވިތާ ދެ މަސް ފަހުން ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©