ނަސްވާ ހަސަން
16 May 2019
މަޤްބޫލު ޙަބަރު

މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ، ހަތަރު އަހަރު ފަހުން އަތޮޅު ކައުންސިލްތަކަށް ޖަމާކޮށްދޭން ފަށައިފި އެވެ.

މާލޭ އުތުރުފަރާތުގައި ގާއިމްކޮށްފައިވާ އަތޮޅު ފިހާރަތައް ހިންގިނަމަ، ކުލީގެ ގޮތުގައި ލިބޭ ފައިސާގެ 50 ޕަސެންޓް އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.

ފިނޭންސް މިނިސްޓްރީ ބުނީ އެންމެ ފަހުން އެ ފައިސާ ކައުންސިލްތަކަށް ލިބިފައިވަނީ 2014 ވަނަ އަހަރު ކަމަށެވެ. އަދި ހަތަރު އަހަރު ފަހުން މި ހަފްތާ ވަނީ އަތޮޅު ފިހާރަތަކުން 2015 ވަނަ އަހަރު ލިބެންޖެހޭ ފައިސާ ޖަމާކޮށްދޭން ފަށައިފަ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު، ކައުންސިލްތައް ބާރުވެރިކުރުވުމަށް އެންމެ މުހިއްމީ މާލީ ގޮތުން ފުދުންތެރި ކުރުވުން ކަމަށެވެ. އެގޮތުން އަތޮޅު ފިހާރަތަކަކީ، ކައުންސިލްތަކަށް ފައިސާ ލިބޭ އެއް މަގު ކަމަށް އަމީރު ވިދާޅުވި އެވެ.

ފިނޭންސުން ބުނީ، މި ހަފްތާތެރޭ 16 ކައުންސިލަކަށް ޖުމްލަ 12.538 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްދީފަ އެވެ. އަދި ފައިސާ ޖަމާނުކޮށްދޭ ހަތަރު ކައުންސިލަށް ފައިސާ ޖަމާކޮށްދިނުމުގެ މަސައްކަތާއި އެހެން އަހަރު ތަކުގެ ފައިސާ ދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބުންޏެވެ.

އަތޮޅު ފިހާރަތައް ކުއްޔަށް ދީފައިވަނީ އެކި ފިހާރަތައް އެކި އަގުގައި ކަމަށްވާއިރު، ކޮންމެ ކައުންސިލަކަށްވެސް ލިބެނީ އެ އަތޮޅެއްގެ ފިހާރައިން ކުލީގެ ގޮތުގައި ލިބޭ ފައިސާގެ ދެބައިކުޅަ އެއްބަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©