Thu, 28 May, 2020, 10:33 am
15 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅުގެ ޕޯސްޓްމޯޓަމް ހަދަނީ
14

ރާއްޖޭގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ވިހެއި ތުއްތު ދަރިފުޅުގެ ޕޯސްޓްމޯޓަމްއެއް ހަދަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނީ، މިދިޔަ އާދީއްތަ ދުވަހު ވިހެއި އެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމްއެއް ހެދުމަށް ނިންމީ މަރުވި ގޮތް ދެނެގަތުމަށް ކަމަށެވެ. އަދި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިތުރު ތަފްސީލެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ރާއްޖޭގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ވިހެއި މައްސަލައެއް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 7:10 އެހައިކަންހާއިރު ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ މައުލޫމާތާއި އެކަން ހިނގި ރަށުގެ މައުލޫމާތު މީޑިއާގައި ހާމަ ނުކުރުމަށް ފުލުހުން އެދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ރާއްޖޭގެ އުތުރުގެ ރަށެއްގައެވެ. އަދި ބަނޑުބޮޑުވެ ވިހާފައިވަނީ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ ކުއްޖެއް ކަމަށާއި އެ ކުއްޖާ ވިއްސާފައިވަނީ ގޭގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެ ހާދިސާއަށްފަހު 15 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސްވެ، އެދުވަހު ވަނީ މާލެ ގެނެސްފައެވެ. އަދި ވިހެއި ތުއްތު ކުއްޖާގެ ހަށިގަނޑުވެސް ވަނީ މާލެ ގެނައެވެ.

އެ މައްސަލާގައި ފުލުހުން މިހާތަނަށް މާގިނަ މައުލޫމާތުތަކެއް އަދި ހާމަނުކުރި ނަމަވެސް، މައުލޫމާތު ލިބޭގޮތުގައި އެ ހާދިސާގައި ތުހުމަތު ކުރެވޭ 15 އަހަރުގެ ކުއްޖާގެ ލޯބިވެރިޔާ ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ރަށުން ބޭރަށް ދިއުން މަނާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

Leave a comment

Your email address will not be published.