މުޙައްމަދު އަންވަރު
17 May 2019
މަޤްބޫލު ޙަބަރު

ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ އެސްޓީއޯގެ ހިއްސާ އަކަށް 58 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލ އިން ފާސްކޮށްފި އެވެ.

އެ ގޮތަށް ފާސްކޮށްފައި ވަނީ ރޭ ދަރުބާރުގޭގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ. ހިއްސާ އަކަށް 58 ރުފިޔާ ބަހަން ހިއްސާދާރުންގެ ވޯޓަށް އެހުމުން 99 ޕަސެންޓް ހިއްސާދާރުން ވަނީ އެކަމަށް ތާއިދުކޮށްފަ އެވެ. އެ ޖަލްސާގައި އެސްޓީއޯގެ 504 ހިއްސާދާރުން ބައިވެރިވި އެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާ ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 17 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެސްޓީއޯގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއް ކަމަށް އެކުންފުނިން ބުނީ، މިދިޔަ އަހަރު ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރަށް ވުރެން އިތުރުވުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 20 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އަދި އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯ އަށް ލިބުނު އާމްދަނީ ވަނީ 25 ޕަސެންޓު އިތުރުވެފަ އެވެ.

ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން މިރޭ ވަނީ 2018 ވަނަ އަހަރުގެ މާލީ ރިޕޯޓް ތަކާއި އޮޑިޓް ރިޕޯޓު އަދި 2017 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ގެ ޔައުމިއްޔާ ވެސް ފާސްކޮށްފައެވެ.

ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި، ވަނީ ކުރިއަށް އޮތް އަހަރަށް ކުންފުނި އޮޑިޓް ކުރުމަށް މީގެ ކުރިން ވެސް އެ މަސައްކަތްކޮށް ކޮށްދިން މަޝްހޫރު އޮޑިޓް ފާމް ކޭޕީއެމްޖީ ހަމަޖައްސާފަ އެވެ. އަދި އެ ކުންފުންޏަށް އުޖޫރައިގެ ގޮތުގައި ވަނީ 49،820 ޑޮލަރު ހަމަޖައްސާފަ އެވެ.

އެސްޓީއޯގެ މެޖޯރިޓީ ހިއްސާ އޮންނަނީ ސަރުކާރުގަ އެވެ. އެގޮތުން ސަރުކާރުގެ 81.63 ޕަސެންޓް ހިއްސާ އޮންނައިރު އާންމު ރައްޔިތުންގެ 18.37 ޕަސެންޓް ހިއްސާ އޮވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©