Fri, 5 June, 2020, 12:20 pm
ޝަރީފްގެ ވިސްނުން ސިޔާސީ މައިދާނަށް، ނަމަވެސް ރައީސް ޔާމީންއާ އިދިކޮޅަަށްް!
9

އިލެކްޝަން ކޮމިޝަން (އީސީ)ގެ ދައުރު ހަމަވަންދެން މަޑު ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ސިޔާސީ ދާއިރާ އިން ފެނުމުގެެ ފުރުސަތު ބޮޑު ކަމަށް އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޝަރީފު އިލެކްޝަން ކޮމިޝަންގެ ރައީސް ކަމަށް އައްޔަންކުރީ 6 މާރިޗް، 2018 ގައެވެ. އެއީ އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް އޭނާ އައްޔަންކުރަން ރައްޔިތުން މަޖިލީހުން ރުހުންދިނުމާއެކު ކޮމިޝަންގެ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.

ޕީއެސްއެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގްރާމް އަށް ދިން އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ، އޭނާ އަކީ ސިޔާސީ ކަންކަމުގައި އިސްކޮށް އުޅެން ބޭނުންވާ އެކަމަށް ޝައުގުވެރިވާ މީހެއް ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނާ ގުޅުނު ހިސާބުން އެ މަސައްކަތް އެއްކޮށް ހުއްޓާލާފައިވާ ކަމަށް ވިދާޅުވިއެވެ.

“މި ކޮމިޝަންގެ ދައުރު ހަމަވަން ދެކަ މަޑުކުރުމުގެ ވިސްނުމެއް ނެތް އަޅުގަނޑުގެ އެއް. އެހެންވީމަ ކުރިއަށް އޮތް ރިޔާސީ ފަސް އަހަރުގެ ދައުރު ރައީސް އިބޫގެ ދައުރުގައި އަޅުގަނޑު އެހެން ދިމާލަކުން ފަހަރެއްގައި ފެނިދާނެ،” ރައީސް ޔާމީންގެ ސަރުކާރުގައި ބައެއް ކުންފުނިތަކުގައި އިސް މަގާމުތަކެއް ފުރުއްވި ޝަރީފް ވިދާޅުވި އެވެ.

ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވާނެކަމަށް ޝަރީފު ފާހަގަކުރެއްވިއިރު، އޭނާގެ ދައުރު ހަމަވާނީ 2023 ވަނަ އަހަރަށެވެ. އެއީ އިލެކްޝަން ކޮމިޝަންގެ ގާނޫނު ބުނާގޮތުން، އެ ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރެއްގެ މުއްދަތަކީ އައްޔަންކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ.

ނަމަވެސް ޝަރީފު ވިދާޅުވީ، އޭނާ އީސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާނީ އަންނަ އަހަރުގެ ކުރީ ކޮޅުގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހުގައި ކަމަށެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، އޭނާ ސިޔާސީ މައިދާނަށް ނުކުތް ނަމަވެސް ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އެ ނޫން ހިސާބެއްގައި ސިޔާސީ ކަމެއްގައި ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

“ޔަގީންކަމާއި އެކު ދަންނަވާލަން ބޭނުންވާ ކަމަކީ އަޅުގަނޑަށް ދެން މިހާރު ކަންތައްތައް ދިމާވެފައިހުރި ގޮތުންނާއި އެކީގައި ސިޔާސީ ކަންކަމުގަ ރައީސް ޔާމީން އަރިހުގައި މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އެއްވެސް ކަހަލަ ވިސްނުމެއް ނެތް ކަމެއް،” ޝަރީފު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ޝަރީފް އެންމެ ފުރަތަމަ ސިޔާސީ މައިދާނަށް ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންމެ ފުރަތަމަ އުފެއްދެވި ޕީޕަލްސް އެލައެންސް (ޕީއޭ) އިންނެވެ.

އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވުމަށްފަހު ވަޑައިގަތީ އިލެކްޝަން ކޮމިޝަނަށެވެ. މިދިޔަ އަހަރު ފަހުކޮޅު ބޭއްވި ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ބަލިވެވަޑައިގަތުމާއި ހަމައަށް ވެސް އެމަނިކުފާނާއި ޝަރީފްއާ އަރިސް ގުޅުންތަކެއް އޮންނަ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

Leave a comment

Your email address will not be published.