މުޙައްމަދު އީމާން
18 May 2019
މަޤްބޫލު ޙަބަރު

ހުޅުމާލޭގައި ދުއްވި ބަހެއް ދަށުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި، ޔުކްރެއިން އަންހެން މީހާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ބަސް ދުއްވަން އިން ޑްރައިވަރު ކޯޓުން ދޫކޮށްލައިފިއެވެ.

އެމްޓީސީސީގެ ބަހަކުން ޖެހި މިމަހުގެ ހަ ވަނަ ދުވަހު ހިނގި ނުރައްކާތެރި އެ އެކްސިޑެންޓުގައި މަރުވީ ހެނދުނު ޖޮގިންއަށް ނުކުމެ އުޅުނު 31 އަހަރުގެ އަންހެނެކެވެ. އޭނާގެ ގައިގާ ބަސް ޖެހުނީ، ބަސް ދުއްވަން އިން ޑްރައިވަރު ނިދިޖެހި އިނދެފައި ސިއްސައިގެން ގޮސް ސްޕީޑް ބާރުކޮށްލެވުނު ވަގުތު ކޮންޓްރޯލުން ނެއްޓިގެން ގޮސްގެންނެވެ.

އެ މައްސަލާގައި ޑްރައިވަރު ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދެ ފަހަރު އިތުރުކުރިއެވެ. އެއީ ފުރަތަމަ ފަހަރު ތިން ދުވަހަށް އަދި ދެވަނަ ފަހަރު ހަތް ދުވަހަށެވެ.

ފުލުހުން ބުނީ، އެމްޓީސީސީ ބަސް ދުއްވަން އިން މީހާ ދޫކޮށްލާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. އަދި ދޫކޮށްލީ ޝަރުތުތަކަކާއެކު ކަމަށް މައުލޫމާތު ލިބެއެވެ.

ބަސް ޑްރައިވަރުގެ އިހުމާލުން ހިނގި އެ އެކްސިޑެންޓުގައި ޑްރައިވަރު ދޫކޮށްލާފައިވާއިރު، މަރުވި ޔުކްރެއިން އަންހެން މީހާގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކުރުމަށްފަހު މިހާރު ވަނީ ގައުމަށް ފޮނުވާލައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©