މުޙައްމަދު އަންވަރު
19 May 2019
މަޤްބޫލު ޙަބަރު

ހިނގާފައި ދަނިކޮށް އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ ފަތުރުވެރިޔަކު މަރުވި މައްސަލާގައި އެ ބަސް ދުއްވަން އިން ޑްރައިވަރުގެ ލައިސެންސް ޓްރާންސްޕޯޓް މިނިސްޓްރީން ހިފަހައްޓައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ފަތުރުވެރިޔަކު މަރުވި އެކްސިޑްންޓްގައި ބަސް ދުއްވަން އިން ޑްރައިވަރުގެ ލައިސެންސް ހިފަހައްޓާފައިވަނީ ކޯޓް މަރުހަލާ ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.

ހުޅުމާލޭގައި އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓުގެ ކަންމަތީގައި ހިނގި އެ އެކްސިޑެންޓުގައި މަރުވީ ޖޮގިން އަށް ނިކުމެ އުޅުނު 31 އަހަރުގެ ޔޫކްރެއިން އަންހެނެކެވެ.

ނިދިފައި އިނދެ ބަސް ދުއްވުމުގެ ސަބަބުން ހިނގި އެކްސިޑެންޓާ ގުޅިގެން ބަސް ޑްރައިވަރު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް އިތުރުކުރި އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ބަސް ޑްރައިވަރުގެ އިތުރުން، މިދިޔަ ހަފްތާގައި މާލޭގައި ހިނގި އެކްސިޑެންޓްތަކާ ގުޅިގެން 12 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް ޑިޕާޓްމެންޓުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުން، މާލޭ ސަރަހައްދުގައި މިދިޔަ ހަފްތާގައި ވަނީ 54 އެކްސިޑެންޓް ހިނގާފަ އެވެ. އެ އެކްސިޑެންޓުތަކާ ގުޅިގެން 12 މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާކަމަށްވެސް ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©