މުޙައްމަދު އީމާން
22 May 2019
މަޤްބޫލު ޙަބަރު

އަވަށްޓެރި ސްރީ ލަންކާގައި ވިސާ ނެތި ދިރިއުޅެމުންދާ ދިވެހީންގެ ތެރޭގައި ގިނަ އަދަދެއްގެ ކުށްވެރިން ވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކާ ބައްދަލުކޮށް ޝާހިދު މިއަދު ވިދާޅުވީ، ވިސާ ނެތި ފިލައިގެން ގިނަ އަދަދެއްގެ ދިވެހިން އުޅެމުން އަންނައިރު އޭގެ ތެރޭގައި ބޭސްފަރުވާއަށް އެގައުމަށް ގޮސް ފިލައިގެން އުޅޭ ކުށްވެރިން ވެސް ހިމެނޭ ކަމަށެވެ.

އަދި ވިސާ ނެތި ލަންކާގައި ދިރިއުޅެމުން އަންނަ ބައެއް ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ގުޅައި އެމީހުންގެ މައުލޫމާތު ދެމުން އަންނަ ކަމަށާއި ނަމަވެސް އެމީހުން ހުންނަ ތަނެއް ބުނަން ބޭނުން ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ތެރޭގައި ވިސާ އަދި ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާތާ ފަސް އަހަރު ވެފައިވާ ދިވެހިން ވެސް ލަންކާގައި އުޅެމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ، ވިސާ އާ ނުކޮށް ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރޭގައި ކިޔަވާ ދަރިވަރުން ވެސް ހިމެނޭ ކަމަށެވެ.

ލަންކާގައި ވިސާ ނެތި ގިނަ އަދަދެއްގެ ދިވެހިން އުޅެމުން އަންނަކަން އެނގުނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގައި އުޅޭ ބިދޭސީން ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީވާން އެންގުމުންނެވެ.

އެގޮތުން ހަމަލާއަށްފަހު އެގައުމުގެ ސަލާމަތީ ބާރުތަކުން ތަންތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކާމެދު ދަނީ ފިޔަވަޅު އަޅަމުންނެވެ. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނެއެވެ.

ލަންކާގައި ފިލައިގެން އުޅޭ ދިވެހިން ގިނަކަން މިނިސްޓަރު ފާހަގަކުރެއްވިއިރު، ނޮވެމްބަރު 3، 1988 ވަނަ އަހަރު ރާއްޖެއަށްދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ ލުތުފީ ވެސް 2010 ވަނަ އަހަރުން ފެށިގެން ފިލައިގެން އުޅެނީ ލަންކާގައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، ވިސާ ނެތި ލަންކާގައި ދިރިއުޅެމުންދާ ދިވެހިން، ލަންކާގެ ގާނޫނުތަކުގެ ތެރެއިން ޖޫރިމަނާ ކުރުމަށްފަހު، ރާއްޖޭގެ ހައި ކޮމިޝަނުން ދޭ ލިޔުމަކަށް ބަލައި ވިސާ އާ ކޮށްދިނުމަށް ލަންކާގެ ސަރުކާރުގައި ދިވެހި ސަރުކާރުން އެދިފައިވާނެ ކަމަށެވެ.

އަދި ލަންކާއިން އެކަން ކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©