މުޙައްމަދު އަންވަރު
22 May 2019
މަޤްބޫލު ޙަބަރު

މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަކިން ސިނގިރޭޓް، ބިޑި ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މި މަސް ނިމުމަށްފަހު ވަކިން ސިނގިރޭޓް ވިއްކުމަކީ މަނާ ކަމެއް ކަން ހަނދާންކޮށްދިނުމުގެ ގޮތުން އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ގަވާއިދުގެ ދަށުން ވަކިން ސިނގިރޭޓް ވިއްކުން މަނާ ކުރުމުގެ މަޤްސަދަކީ ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ އިސްތިއުމާލް ކުރަން ފެށުމުން ދުރުކުރުން ކަމަށެވެ.

އެ ގަވާއިދުގައިވާ ގޮތުން މަދުވެގެން ވިއްކޭނީ 20 ސިނގިރޭޓް ހިމެނޭ ފޮެއްޓެކެވެ. ބިޑި ވަކިން ވިއްކޭނީ ބޮނޑިއެއް ނުވަތަ 50 ބިޑި ހިމެނޭ ފޮއްޓެވެ.

އެގޮތުން އެ ގަވާއިދާ ހިލާފަށް ދުންފަތުގެ ވިޔަފާރީ ކުރާ ފާރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އާޅާނެ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ގަވައިދުގައިވާ ކަމަކާ ހިލާފުވެއްޖެނަމަ އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި، އޭގެ ޓެކުހާއި، އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެއެވެ. ދެ ވަނަ ފަހަރަށް ގަވާއިދާ ހިލާފުވެއްޖެނަމަ، 5000 ރުފިޔާ، ތިން ވަނަ ފަހަރަށް، 10،000 ރުފިޔާ އަދި ހަތަރު ވަނަ ފަހަރަށް 20،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.

އަދި ޖޫރިމަނާގެ އިތުރުން ދުންފަތުގެ މުއާމަލާތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމާއި ހުއްދަ ބާތިލް ކުރުމާއި ހުއްދައިގައި ހިމެނޭ ވަކިވަކި ކަންކަން ހިފެހެއްޓުމުގެ ބާރުވެސް އެޗްޕީއޭ އޮންނާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©