މުޙައްމަދު އީމާން
23 May 2019
މަޤްބޫލު ޙަބަރު

ކ. ދިއްފުށީގެ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ ދަންވަރު 1:18 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން އެ އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި ނޭނގެއެވެ. އަދި އެކަން އެމްއެންޑީއެފުން ހާމަކޮށްފައިނުވާއިރު އެރަށު ބައެއް މީހުން ބުނާގޮތުން، ލޯންޗުގައި ބަޔަކު ވަނީ ރޯކޮށްލައިފައެވެ.

ދިއްފުށީ ފަޅުގައި އޮތް ލޯންޗެއްގައި ރޯވިއިރު، އެރަށު ފިހާރައަކުން މީގެ ދެ ރޭ ކުރިން ހިނގި ބޮޑު ވައްކަމަކާ ގުޅިގެން ވަގު ހޯދުމަށް ރައްޔިތުން ނުކުތުމުން، ހަމަނުޖެހުންތަކެއް ވަނީ ހިނގައިފައެވެ.

އަދި ހަމަނުޖެހުންތަކުގެ ތެރެއަށް އެ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ވަޅިއެއް ހިފައިގެން ވަދެ ހަމަލާދިނުމުގެ ސަބަބުން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އޭގެ ތެރެއިން އެކަކު ވަނީ އިތުރު ފަރުވާއަށް މާލެ ވެސް ގެނެސްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©