.
24 May 2019
މަޤްބޫލު ޙަބަރު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. އުލިގަމަށް ހޮނު އަޅައި ގެއްލުންތަކެއް ލިބިއްޖެއެވެ.

އުލިގަމު ކައުންސިލުން  ވިދާޅުވީ، ހޮނު އަޅާފައިވަނީ ރޭމެންދަމު 1:30 ހާއިރު ކަމަށާއި، މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި ގުގުރުމަށްފަހު ކަމަށެވެ. އަދި މިހާރު މޫސުން ކޮންމެ ވެސް ވަރަކަށް ރަނގަޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލުން ވިދާޅުވީ ހޮނު އެޅުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ނަމަވެސް ބައެއް ގޭގޭގައި ބޭނުން ކުރާ އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

 ކައުންސިލުން ވިދާޅުވީ ހޮނު އެޅުމުގެ ސަބަބުން އެ ރަށު މުއާސަލާތީ ޚިދުމަތަށް ބުރޫ އަރާފައިވާ ކަމަށާއި، އަދި ހޮނު އެޅުމުގެ ސަބަބުން ލިބުނު ގެއްލުންތައް ކައުންސިލުން މިހާރު ބަލަމުން ދާކަމަށްވެސް  ކައުންސިލުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ތިންދުވަހަށް ދުވަހަށް ދިގު ދެމިގެންދާނެ ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ގުގުރުމާއިއެކު ބޯކޮށްވާރޭ ވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި، އަދި އެހެނިހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީއިދާރާއިން ބުނެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ލަފާކުރެވޭތީ ކަނޑު ދަތުރުފަތުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©