މުޙައްމަދު އިބްރާހިމް
28 May 2019
މަޤްބޫލު ޙަބަރު

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން މެންބަރުކަމުގެ ހުވާ ކުރައްވައިފިއެވެ. އާ މެންބަރުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.

އެގޮތުން މިރޭގެ ރަސްމިއްޔާތުގައި ކ. ގުރައިދޫގެ މެމްބަރު އިބްރާހިމް ރިޒާ ފިޔަވާ ހުރިހާ މެންބަރުން ހާޒިރުވެ މެންބަރުކަމުގެ ހުވާ ވަނީ ކުރައްވައިފައެވެ. ރިޒާއަށް މިރޭ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައެއް ނުގެންނެވުނީ އުމްރާއަކަށް ވަޑައިގެން ހުންނެވުމުންނެވެ.

މެންބަރުން ހުވާކުުރުމަށްފަހު އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ވެސް މިރޭ ބާއްވާނެއެވެ. އެ ޖަލްސާ އޮންނާނީ މިރޭ 10:00 ގައެވެ.

އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، އެންމެ ގިނަ ދުވަހު މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވި އަދި އެންމެ ދޮށީ މެންބަރުގެ ހައިސިއްޔަތުން އިތުރު ދައުރަކަށް މީދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެން މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ.

ނަވާރަ ވަނަ މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، ދެ ދާއިރާއަށް ވަނީ އިތުރުވެފައެވެ. އެއީ މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާއެވެ.

މަޖިލީހުގެ ސުޕްމެޖޯރިޓީއާއެކު އެންމެ ގިނަ މެމްބަރުން ތިއްބަވާނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އެއީ 65 މެމްބަރުންނެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމް އާއި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީއަށް ލިބިފައިވަނީ އަށް ގޮނޑިއެވެ. އެއީ ޕީޕީއެމްއަށް ލިބުނު ފަސް ގޮނޑި އާއި ޕީއެންސީއަށް ލިބުނު ތިން ގޮނޑިއެވެ.

އޭގެ އިތުރުން ކޯލިޝަންގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަސް މެމްބަރުން އަދި އެމްޑީއޭގެ ދެ މެމްބަރުން މަޖިލީހުގައި ތިއްބަވާނެއެވެ.

އަމިއްލަ މެމްބަރުންގެ ގޮތުގައި ނަވާރަވަނަ މަޖިލީހުގައި ތިއްބަވާނީ ހަތް މެމްބަރުންނެވެ.

ޤާނުނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޢުމުރަކީ، މަޖިލިސް އިންތިޚާބު ކުރުމަށްފަހު ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަސް ކަމުގައެވެ. އަދި އެމުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމުގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©