މުޙައްމަދު އަންވަރު
28 May 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބްކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ތާރިހުގެ ތެރެއަށް ވަދެވަޑައިގެންފި އެވެ.

މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތު ބެލެހެއްޓުމަށް ރައީސަކާއި ނައިބް ރައީސެއްްގެ ނަން ހުށަހެޅުމަށް ހުޅުވާލުމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ ނަންފުޅު ހުށަހަޅުއްވާފަ އެވެ. އެ ނަންފުޅަށް ތާއިދު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.

މަޖިލީހުގެ މިހާރުގެ ވެސް ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ތޯރިގު އެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަަތީފު އެވެ.

މަޖިލީހުގައި ނެގި ސިއްރު ވޯޓްގައި ރައީސް މުހައްމަދު ނަޝީދުއަށް ލިބިވަޑައިގަތީ 67 ވޯޓެވެ. ގާސިމަށް ލިބިވަޑައިގަތީ 17 ވޯޓެވެ. އަދި ބަތިލް އެއް ވޯޓް އޮތެވެ.

މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގައި މެދު ނުކެނޑި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި މެންބަރު މީދޫ ދާއިރާގެ މެންްބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އެވެ.

އެ ޖަލްސާގައި ކ. ގުރައިދޫގެ އިންތިހާބީ މެމްބަރު އިބްރާހިމް ރިޒާ ފިޔަވައި ހުރިހާ މެންބަރުން ވެސް ބައިިވެރިވެ ވަޑައިގަތެވެ. އޭނާއަށް ޖަލްސާގައި ބައިވެރިނުވެވުނީ އުމުރާއަށް ވަޑައިގެތް ރާއްޖެއިން ބޭރުގައި ހުރުމުން ކަމަށް މިރޭ ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ އަމީން އާންމު އައިމިނަތު ނިއުޝާ ވަނީ ވިދާޅުވެފަ އެވެ.

އަލަށް ހުވާ ކުރި މަޖިލީހުގައި 87 މެމްބަރުން ތިއްބަވާނެ އެވެ. އަދި މަޖިލީހުގެ ސުޕްމެޖޯރިޓީއާ އެކު އެންމެ ގިނަ މެމްބަރުން ތިއްބަވާނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އެ ޕާޓީގައި 65 މެމްބަރުން ތިއްބަވަ އެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީގައި އަށް މެމްބަރުން ތިއްބަވާއިރު ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރުން އަދި އެމްޑީއޭގެ ދެ މެމްބަރުން މަޖިލީހުގައި ތިއްބަވަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©