މުޙައްމަދު އީމާން
29 May 2019
މަޤްބޫލު ޙަބަރު

ނަވާރަ ވަނަ ރައްޔިތުން މަޖިލީހުގެ ނައިބް ރައީސަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިންތިހާބު ކުރައްވައިފިއެވެ.

މަޖިލީހުގެ ނައިބް ރައީސް އަކަށް އީވާ އައްޔަން ކުރައްވަން ރައްޔިތުން މަޖިލީހުން ފާސްކުރީ މިރޭ ބޭއްވި ނަވާރަ ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. އެގޮތުން މިރޭގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 85 މެންބަރުންގެ ތެރެއިން އީވާއަށް ތާއީދުކޮށް 76 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

އެ މަގާމަށް އީވާ ގެނައުމަށް ނުފެންނަ ކަމަށް 9 ބޭފުޅަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންފުޅު ނުވާ މެންބަރަކު ނެތެވެ.

މަޖިލީހުގެ ނައިބް ރައީސް އަކަށް އީވާގެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކޮށްފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. މަޖިލީހުގެ ނައިބް ރައީސް އަކަށް ހުށަހެޅުއްވީ ވެސް އީވާގެ ނަންފުޅު އެކަންޏެވެ.

މަޖިލީހުގެ ނައިބް ރައީސް އަކަށް ތިން ވަނަ ދައުރަކަށް ގަލޮޅު އުތުރު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އީވާ މިރޭ އިންތިހާބުކުރިއިރު، އެކަމަނާއަކީ އެ މަގާމަށް އެމްޑީޕީން އައްޔަންކުރުމަށް އެޕާޓީގެ ޕާލިމެންޓަރީ ގުރޫޕުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި ނަމެވެ.

އަދި މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް އީވާ އިންތިހާބުވުމުން، އެކަމަނާ ވެގެން ގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ދެވަނަ އަންހެން ބޭފުޅާއެވެ. މީގެ ކުރިން 2008 ވަނަ އަހަރު މަޖިލީހުގެ ރިޔާސަތުން އަނީސާ އަޙްމަދު ފެނިވަޑައިގެންފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©