މުޙައްމަދު އިބްރާހިމް
29 May 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ނަރެންދުރަ މޯދީ އަންނަ މަހުގެ ހަތެއް އަދި އަށެއްގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއީ އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވި ފަހުން މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެ ދަތުުރުފުޅު ކުރައްވާނީ އަންނަ މަހުގެ ކުރީކޮޅުގައިކަން މީގެ ކުރިން އެނގިފައި އޮތް ނަމަވެސް މޯދީ ރާއްޖެ ވަޑައިގަންނަވާނީ ކޮން ތާރީހެއްގައި ކަމެއް އަދި ދަތުރާ ބެހޭ ގޮތުން ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އަލަށް އިންތިހާބުވި ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތަށް އިންތިހާބުވެވަޑައިގަތުމަށްފަހު މަޖިލީހުގެ މެންބަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖޫން މަހުގެ އަށް ވަނަ ދުވަހާއި ހަތް ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

އަދި އެ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރެއްވުމަށާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާ މުހާތަބުކޮށް ދެންނެވަށާއި މެންބަރުންނާ މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ރާއްޖޭން ބޭރުގެ މެހެމާނަކު ނުވަތަ ދައުލަތުގެ އެންމެ މަތީ ވެރިއަކު ރައްޔިތުން މަޖިލީހުގައި މުހާތަބު ކުރައްވާއިރުގައި އެކަން ވެގެންދާންޖެހެނީ ސިޔާސީ ޕާޓީތަކުގެ ވެރިންގެ މަޝްވަރާއާއެކުގައި އެހޭ ވޯޓަކުން ނިންމޭ ނިންމުމެއްގެ މައްޗަށް ކަމަށް ރައްޔިތުން މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާތީ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި އެކަމަށް ގޮތެއް ކަނޑައެޅިގެންދާނެ ކަމަށެވެ.

މޯދީ އަންނަ މަހު ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދެ ވަނަ ދަތުރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ނޮވެމްބަރު މަހު ވެސް މޯދީ ވަނީ ކުރު ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފައެވެ.

ބޮޑު އަޣުލަބިއްޔަތަކުން މޯދީ ނިސްބަތްވާ ބީޖޭޕީ އިން އިންޑިއާގެ އާންމު އިންތިޚާބު ކާމިޔާބު ކުރުމާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މޯދީއަށް މަރުހަބާ ދަންނަވައިފަ އެވެ.

މޯދީ ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންފުޅުވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©