މުޙައްމަދު އިބްރާހިމް
29 May 2019
މަޤްބޫލު ޙަބަރު

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަންކުރާ މެންބަރަކަށް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ހިސާން އެ މަގާމަށް ކަނޑައަޅަން ރައްޔިތުން މަޖިލީހުން ފާސްކުރީ، މިއަދުގެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތެރެއިން 81 މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުން މަޖިލީހަށް ހިސާންގެ ނަން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އެ ނަމަށް ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ހިސާން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އެޓާނީ ޖެނެރަލްގެ އޮފީހުގައެވެ. އެ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވުމަށްފަހު މަކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.

މީގެ އިތުރުން ހިސާން ވަނީ، މިދިޔަ ސަރުކާރުގައި ޖަލު ހުކުމްތަކާއި ބަންދުތަކާ ކުރިމަތިލާންޖެހިވަޑައިގެންނެވި ބައެއް ސިޔާސީ ލީޑަރުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published.

haftha.mv ©