މުޙައްމަދު އިބްރާހިމް
29 May 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހަށް ވަޑައިގެން، ތަގުރީރު ކުރެއްވުމުގެ ހުއްދަ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބޮޑު ތަފާތަކުން އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވި މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 އިން 8 އަކަށެވެ.

އެ ދަތުރުފުޅުގައި މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރާއްޖޭން ބޭރުގެ މެހެމާނަކު ނުވަތަ އެންމެ މަތީ ވެރިއަކު މަޖިލީހުގެ ތަގުރީރު ކުރެއްވޭނީ އެކަމަށް މެންބަރުންގެ ރުހުން ލިބިގެންނެވެ.

އެގޮތުން އެ ފުރުސަތު މޯދީއަށް ދޭން މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލައަށް މިއަދުގެ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެއްވި ހުރިހާ ޕާޓީތަކެއްގެ މެންބަރުން ވެސް ވަނީ، ގައުމެއްގެ އެންމެ މަތީވެރިއަކު މަޖިލީހުގައި ތަގުރީރު ކުރެއްވުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ މެންބަރުން ވިދާޅުވީ، މޯދީ ރާއްޖެ ވަޑައިގެން މަޖިލީހުގައި ތަގުރީރު ކުރެއްވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ވަމުން އަންނަ ކަމުގެ ވަރަށް ބޮޑު މިސާލެއް ކަމަށެވެ.

މޯދީއަށް މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދިނުމަށް މިއަދުގެ މަޖިލީހުން ރުހުންދިން ނަމަވެސް ބައެއް އިދިކޮޅު މެންބަރުން ވަނީ ވަކި ގައުމަކާ ގުޅުން ބަދަހިކުރަން ކުރާ މަސައްކަތުގައި އެހެން ގައުމަކާ އޮންނަ ގުޅުން ހީނަރު ވިޔަދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މޯދީ އަންނަ މަހު ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދެ ވަނަ ދަތުރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ނޮވެމްބަރު މަހު ވެސް މޯދީ ވަނީ ކުރު ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©