މުޙައްމަދު އީމާން
29 May 2019
މަޤްބޫލު ޙަބަރު

ރައްޔިތުން މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް 11 މެންބަރުންގެ ކޮމެޓީއެއް އެކުލަވާލަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

މަސް ދުވަސް ތެރޭގައި މަޖިލީހުގެ ގަވައިދު އެކުލަވާލަން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ހުށަހަޅުއްވާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްވެފައިވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާގުންނެވެ.

އެގޮތަށް ފާސްވުމާއެކު ގަވާއިދު އިސްލާހު ކުރާ ކޮމެޓީއަށް 11 މެންބަރުން ނަގައި އެ ނަންތައް ވެސް މިއަދު ވަނީ ފާސްކޮށްފައެވެ. އެ ނަންތައް މަޖިލީހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ގަވާއިދު އެކުލަވާލާ ކޮމެޓީގެ މެންބަރުން:

1. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

2. ނައިފަރު ދާއިރާގެ މެމްބަރު އަހްމަދް ޝިޔާމް

3. ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

4. ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސައިން

5. ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދް އާމިރު

6. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

7. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

8. ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު

9. ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރް މޫސާ

10. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

11. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު

މަޖިލީހުގެ ގަވައިދު އިސްލާހުކޮށް ނިމެންދެން މަޖިލީހުން އަމަލުކުރާނެ އުސޫލުތައް ދުވަހުން ދުވަހަށް ތަޅުމަށް ހުށަހެޅުމަކީ ވެސް މިކޮމިޓީގެ ޒިންމާއެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.

މަޖިލީހުގެ ގަވައިދުގެ މައްސަލާގައި މިއަދު ބަހުސް ކުރެއްވި ގިނަ މެންބަރުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އަމަލުކުރަމުންދަނީ 2010 ވަނަ އަހަރު އެކުލަވާލި ގަވައިދަކަށް ކަމަށްވާތީ މިގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©