މުޙައްމަދު އިބްރާހިމް
29 May 2019
މަޤްބޫލު ޙަބަރު

ބަންގުލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުންދިޔަ ރައުދާ އާތިފް މަރުވީ، އޭނާގެ ލޯބިވެރިޔާ އޭނާއަށް އޮޅުވާލާކަން ފަޅާއެރުމުން އެކަމާ އުއްމީދު ގެއްލިގެން ކަމަށް ރައުދާގެ މަރާ ގުޅިގެން ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ޕީބީއައި) އިން ނެރުނު ފައިނަލް ރިޕޯޓްގައި ބުނެފިއެވެ.

ޕީބީއައިގެ ސަބް އިންސްޕެކްޓާ ސައިދުރް ރަހްމާން ވަނީ، ރައުދާ މަރާލާފައިވާ ކަމަށް ބެލެވިދާނެ ގޮތްތައް ދޮގުކޮށްދޭ އެ ފައިނަލް ރިޕޯޓް ރާޖްޝާހީގެ ކޯޓަކަށް މިއަދު ހުށަހަޅުއްވައިފައެވެ.

ރައުދާ މަރުވި ގޮތުގެ ފައިނަލް ރިޕޯޓް ކޯޓަށް ހުށަހެޅުމަށްފަހު ބަންގުލަދޭޝްގެ އެންމެ ބޮޑު އެއް ނޫސް، “ދަ ޑެއިލީ ސްޓާ”އަށް ސަބް އިންސްޕެކްޓާރ ރަހްމާން ވިދާޅުވީ، ޕީބީއައި އިން ކުރި ތަހުގީގަށް ލިބުނު އެވިޑެންސްއަށް ބަލާއިރު ރައުދާ މަރުވީ އަމިއްލައަށް ކަމަށެވެ.

އަދި އެކަން އޭނާ ކުރީ އޭނާގެ ލޯބިވެރިޔާއާ ރުޅިވުމުން އުފެދުނު މައްސަލަތަކުގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފައިނަލް ރިޕޯޓްގައި ރައުދާ މަރުވުމުގެ ކުރިން އޭނާގެ ލޯބިވެރިޔާއަށް ވަޓްސްއެޕުން ކޮށްފައިވާ މެސެޖްތަކުގެ ކޮންވަޒޭޝަންތަކެއް ވެސް ހިމަނާފައިވާއިރު، ރައުދާގެ އެ ބުނާ ލޯބިވެރިޔާގެ މައުލޫމާތު ވެސް ވަނީ ހިމަނައިފައެވެ.

އެގޮތުން ރައުދާ މަރުވުމުގެ ގަޑިއިރުތަކެއް ކުރިން ވަޓްސްއެޕުން އޭނާގެ ލޯބިވެރިޔާއަށް “ޔޫ ކިލްޑް މީ” (ކަލޭ އަހަރެން މަރާލީ) ޖަހާފައި މެސެޖްކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ވަޓްސްއެޕުން ރައުދާ އެންމެ ފަހުން ނަގާފައިވާ ފޯން ކޯލްއަކީ ވެސް އޭނާގެ ލޯބިވެރިޔާގެ ކޯލެއް ކަމަށް ބުނެފައިވެއެވެ.

ރިޕޯޓްގައި ބުނެފައިވާގޮތުން، ރައުދާގެ ލޯބިވެރިޔާއަކީ އިނގިރޭސިވިލާތުގެ ލަންޑަން އިންޕީރިއަލް ކޮލެޖްގައި މޮލިކިއުލާ ބަޔޮލޮޖީ އެންޑް ޕެތޮލޮޖީ އޮފް ވައިރަސަސް ޑިޕާޓްމަންޓްގައި ކިޔަވަމުން އަންނަ މީހެކެވެ.

ބަންގުލަދޭޝްގެ ރާޖްޝާހީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ޑޮކްޓަރުކަން ކިޔަވަމުންދިޔަ 20 އަހަރުގެ ރައުދާ އޭނާ ހުރި ހޮސްޓެލްގެ ކޮޓަރި ތެރޭގައި ދަންޖެހިފައި ހުއްޓާ ފެނުނީ 29 މާރިޗް 2017 ގައެވެ. ނަމަވެސް ރައުދާގެ މަރާ ގުޅިގެން އޭނާގެ އާއިލާއިން ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އޭނާ ބަޔަކު މަރާލީ ކަމަށް ބުނެފައިވެއެވެ.

ރައުދާގެ މަރާ ގުޅިގެން ތައްޔާރުކުރި ފައިނަލް ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، ރައުދާ މަރުވުމުގެ ހަތަރު މަސް ކުރިން އޭނާ އާއި އޭނާގެ ލޯބިވެރިޔާ އިންޑިއާގައި ދެ ހަފްތާ ހޭދަކުރި ކަމަށެވެ.

އެކަން ޕީބީއައި އަށް ދެނެގަނެވުނީ، ރައުދާގެ ފޯނުންނާއި ލެޕްޓޮޕްގައި ހުރި ފޮޓޯތައް އެނަލައިޒްކޮށް ބެލިބެލުމުންނެވެ. އަދި ރައުދާ އާއި އޭނާގެ ލޯބިވެރިޔާއާ ވަޓްސްއެޕް އަދި ފޭސްބުކްގެ ގާތްގަނޑަކަށް 17000 ޕޭޖްގެ ކޮންވަޒޭޝަން ވެސް އެނަލައިޒް ކޮށްފައިވެއެވެ.

އެގޮތުން، ލޯބިވެރިޔާ އޮޅުވާލާކަން ރައުދާއަށް އެނގި ފަޅާއެރީ އޭނާ މަރުވުމުގެ އެއް ރޭ ކުރިން ލޯބިވެރިޔާގެ ފޭސްބުކް މެސެންޖާއަށް ވަނުމުން ކަމަށް ޕީބީއައި އޮފިޝަލަކު ބުނެފައިވެއެވެ.

“އަދި އެކަން އިނގުމުން މާޗް 28، 2017 ވަނަ ދުވަހުގެ ރޭ ސެޑަޓިވް ޕިލްސް (ނިދާ ބޭސް) ކައިގެން އަމިއްލައަށް މަރުވާން ރައުދާ މަސައްކަތްކޮށްފައިވޭ. އަދި އެކަމަށް އޭނާ ކިޔަވަމުންދިޔަ މެޑިކަލް ކޮލެޖްގެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވޭ. ޕީބީއައި އިން ރައުދާގެ އެނދު މަތިން މީދާ ބޭސް ވެސް ފެނިފައިވޭ. ނަމަވެސް ރައުދާ އެ ބޭނުންކޮށްފައެއް ނުވޭ،” އޮފިޝަލު ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©