ނަސްވާ ހަސަން
01 June 2019
މަޤްބޫލު ޙަބަރު

މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވައިފި އެވެ.

ސަޢުދީ ޢަރަބިއްޔާގެ މައްކާގައި މެއި މަހުގެ 31ގައި ފެށި މި ސަމިޓުގައި ރައީސް ބައިވެރިވަޑައިގަތް އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ވަނީ ހުށަހަޅުއްވާފަ އެވެ. އެގޮތުން މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، ހާއްސަކޮށް ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ވަނީ ފާހަގަކުރައްވައިފަ އެވެ. 

މި އަހަރުގެ ސަމިޓްގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެއެވެ.

އޭގެ އިތުރުން ކޮންފަރެންސްގައި ވަނީ ޤައުމުތަކުގެ އެތެރޭގެ ބައެއް މައްސަލަތަކާއި އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާއި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ބައިމަދު މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ އެކިއެކި މައްސަލަތަކާއިމެދު ވާހަކަ ދައްކާފަ އެވެ.

ކޮންމެ 3 އަހަރަކުން އެއްފަހަރު ބާއްވާ މި ސަމިޓުގެ މަޤުޞަދަކީ މުޅި މުސްލިމު އުންމަތުގެ ލާބަޔާ މަންފާއަށްޓަކައި މަސައްކަތްކުރުމަށް އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާ އަދި ދީނުގެ މަތިވެރި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ. އަދި މުސްލިމު މެޖޯރިޓީ ޤައުމުތަކުގެ ލީޑަރުންނަށް ފާހަގަކުރެއްވޭ އެންމެ މުހިންމު މައްސަލަތަކާއި، އުންމަތުގެ އެކިއެކި ކަންކަމުގައި އެޤައުމެއްގެ ވިސްނުންހުރި ގޮތް ހިއްސާކުރެއްވުމާއި، އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޤައުމުތަކުގެ އިސްވެރިންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތުވެސް މި ސަމިޓުން ތަނަވަސްވެގެންދެއެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އެ ދަތުރުފުޅަށް ފަހު، ރައީސް އެނބުރި ރާއްޖެ ވަޑައިގަންނާނީ އުމްރާގެ އަޅުކަން އަދާކުރައްވުމަށްފަހު އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©