މުޙައްމަދު އަންވަރު
01 June 2019
މަޤްބޫލު ޙަބަރު

ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ބާ ކައުންސިލްގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އަލުން އެޖެންޑާ ކޮށްފި އެވެ.

ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ. ނަމަވެސް، މަޖިލިހުގެ ތަޅުމުގައި ނެގި ވޯޓެއްގައި އެ ބިލް ވަނީ އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފަ އެވެ.

އެހެންކަމުން 19 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާ ކުރުމާއި އެކު އިންތި ވަނީ އަލުން އަނބުރާ އެ ބިލް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. ލީގަލް ޕްރޮފެޝަންގެ ނަމުގައި ހުށަހެޅުއްވި އެ ބިލް އާއި ކުރިން ހުށަހެޅުއްވި ގާނޫނީ ހިދުމަތުގެ ބިލާއި މާ ބޮޑު ތަފާތެއް ނެތެވެ.

އަންނަ އަންގާރަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ އެ ބިލް އެޖެންޑާ ކޮށްފަ އެވެ.

އެ ބިލްގައިވާ ގޮތުން، ވަކީލުންނަށް ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓްކޮށް ފިޔަވަޅު އެޅުމާއި އެ މީހުންގެ މަސައްކަތުގެ ދާއިރާ ކަނޑައަޅައި ހައްގުތަކާއި އިމްތިޔާޒްތައް ކަށަވަރުކުރުން ފަދަ ކަންތައް ކުރާނީ ބާ ކައުންސިލް މެދުވެރިކޮށެވެ.

ބާ ކައުންސިލްގެ ބިލް އެޖެންޑާ ކުރުމުން، ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓއްގައި ވިދާޅުވީ، ނިމިގެން ދިޔަ މަޖިލީހުގައި އެ ބިލް ފާސް ކުރުމަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް އާ މަޖިލީހުން އެ ބިލް ފާސްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©