މުޙައްމަދު އިބްރާހިމް
02 June 2019
މަޤްބޫލު ޙަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލައިދިނުމަށް އެދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މަޖިލީހުގެ ރައީސް ނަޝީދު ޖޭއެސްސީއަށް ދެ މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ފުރަތަމަ މައްސަލައަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބައްލަވައިދެއްވުމަށް އެދި ހުށަހެޅުއްވި މައްސަލައެއް ކަމަށް ނިއުޝާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީ މެންބަރެއްގެ ގޮތުގައި އިންނަވާ ރައީސް ނަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލައިދިނުމަށް އެދި ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު، އަބްދުﷲ ދީދީއަކީ އެމަނިކުފާނު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ.

އަދި ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ 1 ފެބްރުއަރީގެ އަމުރަށްފަހު، އޭރުގެ އުއްތަމަ ފަނދިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ހައްޔަރުކޮށް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ނަޝީދު ޖޭއެސްސީއަށް ހުށަހަޅުއްވި ދެވަނަ މައްސަލައަކީ އެ ކޮމިޝަންގެ މައުލޫމާތުތައް ގަވާއިދުން އާންމު ކުރުމަށް އެދިވަޑައިގެން ހުށަހެޅުއްވި މައްސަލައެކެވެ.

އަދި ދެވަނަ މައްސަލައެއްގެ ގޮތުގައި، ޖޭއެސްސީގެ ނިންމުންތައް އާންމު ކުރުމަށް ނަޝީދު ވަނީ ޖޭއެސްސީގައި އެދިވަޑައިގެންފައެވެ.

އެގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ގޮތެއް ނިންމާފައިނުވާ މައްސަލަތަކާއި ހުށަހެޅިފައިވާ މައްސަލަތައް ގޮސްފައިވާ ހިސާބުތައް އެނގޭނެ ގޮތަށް މީޑިއާ މެދުވެރިކޮށް އާންމު ކުރުމަށް މަޖިލީހުގެ ރައީސް ޖޭއެސްސީއަށް ހުށަހަޅުއްވާފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©